އަތޮޅުތަކުން މާލެ ފޮނުވާ ބަލިމީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މިއަދު ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުން، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ހަލީމް ވިދާޅުވި ގޮތުގައި، ރަށްރަށުން އަންނަ ބަލިމީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ހެލްތު މިނިސްޓްރީއާއެކު މަޝްވަރާކުރަމުން އަންނަ ކަމަށާއި، އަތޮޅުތަކުގެ ހޮސްޕިޓަލްތަކަށް ދެއްކުމަށްފަހު، އިތުރު ފަރުވާއަށް މާލެއިން ދައްކަން ބޭނުންވާ ސްޕެޝަލިސްޓަށް ރެފަރކުރެވޭނެ ނިޒާމެއް ގާއިމްކުރާނެއެވެ.
މީގެ އިތުރުން، މާލޭގައި މަސައްކަތްކުރައްވާ ޑޮކްޓަރުން އަތޮޅުތަކަށް ފޮނުވައިގެން ބަލިމީހުން ބެލުމާއި، ބައެއް ބާވަތުގެ އޮޕަރޭޝަންތައްވެސް އަތޮޅުތަކުގައި ކުރިއަށް ގެންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިފަދަ އިންތިޒާމުތަކުގެ ސަބަބުން މާލެއަށް އަންނަ ބަލިމީހުންގެ އަދަދު މަދުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު ޑރ. އާމިނަތު ޒޭބާ އަހްމަދު ވިދާޅުވި ގޮތުގައި، އަތޮޅުތަކުގައި ޓެލެމެޑިސިންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި، މި ޚިދުމަތް ހދ. ކުޅުދުއްފުއްޓާއި ފ. ނިލަންދޫގައި ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފާހަގަކުރެއްވިއެވެ.



