މާލޭގެ ގެއެއްގެ ތެރޭގައި ހުއްދަނޫން ގޮތުގައި ބަންދުކޮށްފައި ހުރި ބަންގްލަދޭޝް ރައްޔިތެއް ފުލުހުން މިއަދު ސަލާމަތްކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވިގޮތުގައި، މިއަދު ހެނދުނު 6:00 އެހާކަށްހާއިރު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން، އެ ގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެ، ބަންދުކޮށްފައި ހުރި ބަންގްލަދޭޝް ފިރިހެން މީހާ އެތަނުން ނެރެފައިވެއެވެ.
އެ މީހާގެ ސިއްހީ ހާލަތު ބެލުމަށްޓަކައި އައިޖީއެމްއެޗަށް ގެންގޮސް، ކުރަންޖެހޭ ކަންކަން ކުރަމުންދާކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ. އަދި އޭނާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.



