ޓީޗަރުންނާއި ދަރިވަރުންނަށް އަމާޒުކޮށް ދޮގު މަޢުލޫމާތު ފަތުރައި، މާލާމާތާއި ފުރައްސާރަކުރުމުގެ ޕޯސްޓްތައް ކުރަމުންދިޔަ ސްކޫލް ކޮންފެޝަންގެ އިންސްޓަގްރާމް ޕޭޖުތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބްލޮކްކޮށްފިއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މާލޭގެ 22 ސްކޫލަކަށް ނިސްބަތްކޮށް އުފައްދާފައިވާ ކޮންފެޝަން ޕޭޖުތަކެއް މިދިޔަ ހަފުތާގައި ވަނީ ބްލޮކްކޮށްފައެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު މިހާރު ވަނީ ފަށައިފައެވެ. މީގެ އިތުރުން، އިތުރު 20 ކޮންފެޝަން ޕޭޖެއްގެ މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) އާއި ސައިބާ ކްރައިމް ސެންޓަރު ގުޅިގެން ދަނީ ބަލަމުންނެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި މިއީ ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަ މައްސަލައެކެވެ. ސްކޫލް ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންތަކެއް މިކަމުގެ ޝިކާރައަކަށް ވެފައިވާއިރު، މިފަދަ ޕޭޖްތައް އުފައްދައި ހިންގަމުންދާ ފަރާތްތަކަކީ ވެސް ގިނަ ފަހަރު ސްކޫލް ދަރިވަރުން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.



