ކެންޔާގައި ޑިމޮކްރަސީއަށް ގޮވާލި އުދަގޫ ދުވަސްތަކުގެ 35 ވަނަ އަހަރީ ދުވަހާ ދިމާކޮށް ބޭއްވި ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި ފުލުހުން ބަޑިޖެހުމުގެ ސަބަބުން 11 މީހުން މަރުވެއްޖެއެވެ. މި މުޒާހަރާތަކުގައި 52 ފުލުހުންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ގައުމުގެ ވެރިރަށް ނައިރޯބީގައި ސަތޭކަ އަކަށް މީހުން ބައިވެރިވި މުޒާހަރާގައި ފުލުހުން ވަނީ ބަޑިޖަހައި، ވޯޓަރ ކެނަން ބޭނުންކޮށްފައެވެ. މުޒާހަރާކުރި މީހުން ވިސުލުޖަހަމުން ކުރިއަށްގެންދިޔަ މި މުޒާހަރާގައި ގިނަ އަދަދެއްގެ ފުލުހުން ވަނީ ޙަރަކާތްތެރިވެފައެވެ.
މި މުޒާހަރާއަކީ “ސަބަ ސަބަ” ގެ ނަމުގައި ކޮންމެ އަހަރަކުވެސް ބާއްވާ މުޒާހަރާއެކެވެ. ސްވަހިލި ބަހުން “ސަބަ ސަބަ” އަކީ “ހަތް ހަތް” އެވެ. މިއީ 1990 ވަނަ އަހަރުގެ ޖުލައި 7 ގައި އޭރުގެ ރައީސް ޑެނިއަލް އަރަޕް މޮއިގެ އަނިޔާވެރި ވެރިކަމާ ދެކޮޅަށް ގިނަ ޕާޓީތަކުގެ ޑިމޮކްރަސީއަކަށް ގޮވާލި ދުވަހެވެ. ނަމަވެސް މިއަހަރުގެ މުޒާހަރާގައި މިހާރުގެ ރައީސް ވިލިއަމް ރުޓޯ އިސްތިއުފާ ދިނުމަށް ގޮވާލާފައިވެއެވެ.
އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވާގޮތުގައި ފުލުހުން ވަނީ ސިޓީގެ މައި މަގުތައް ބަންދުކޮށްފައެވެ. އަދި މުޒާހަރާކުރާ މީހުން ސިޓީގެ މެދަށް ވަދެވޭތޯ މަސައްކަތްކުރަމުންދާ ކަމަށާއި، އެކި ސަރަހައްދުތަކުގައި ގުޅުންތައް ހިނގަމުންދާ ކަމަށާއި، ބަޑީގެ ވަޒަން އަރާ އަނިޔާވި މީހުންގެ ރިޕޯޓުތައް ލިބެމުންދާ ކަމަށާއި، އެމްބިއުލާންސްތައް އެ ސަރަހައްދުތަކަށް ދަތުރުކުރަމުންދާ ކަމަށް ބުނެފައިވެއެވެ..
ކޮރަޕްޝަނާއި، ފުލުހުންގެ އަނިޔާވެރިކަމާއި، ސަރުކާރުގެ ފާޑުކިޔުންތެރިން ގެއްލިގެންދާ މައްސަލަތަކާ ގުޅިގެން ވޭތުވެދިޔަ މަހު ބޭއްވި މުޒާހަރާތަކުގައިވެސް އަނިޔާވެރި ހާދިސާތައް ހިނގާފައިވެއެވެ. މިފަހަރުގެ މުޒާހަރާއާ ގުޅިގެން ގިނަ ސްކޫލުތަކާއި ޝޮޕިންގ މޯލެއް ވަނީ ބަންދުކޮށްފައެވެ.



