ޖޫން 12 ވަނަ ދުވަހު އަހުމަދާބާދުން ލަންޑަނަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓް 171 އަށް ދިމާވި ބިރުވެރި ހާދިސާއާ ގުޅޭ ތަހުގީގު ރިޕޯޓު އިއްޔެ ރޭ ވަނީ ހާމަކޮށްފައެވެ. މި ހާދިސާގައި މަތިންދާބޯޓުގައި ތިބި 242 ފަސިންޖަރުންގެ ތެރެއިން 241 މީހުންނާއި އަދި ބޯޓު ވެއްޓުނު ދިމާލުން ބިންމަތީގައި ތިބި 19 މީހުން ވަނީ މަރުވެފައެވެ.
އެއަރކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން ހާމަކުރި ރިޕޯޓުގައިވާ ގޮތުން، ބޯއިންގ 787-8 ޑްރީމްލައިނާ މަތިންދާބޯޓު ވަނީ މެންދުރުފަހު 1:39 ގައި ސަރުދާރު ވަލަބްބާއި ޕަޓެލް އިންޓަނޭޝަނަލް އެއަރޕޯޓުން ފުރާފައެވެ. ނަމަވެސް ފުރިތާ 32 ސިކުންތުގެ ތެރޭގައި މަތިންދާބޯޓު ވަނީ އެއަރޕޯޓާ ކައިރީގައި ހުރި މެޑިކަލް ހޮސްޓަލެއްގެ މައްޗަށް ވެއްޓިފައެވެ.
ބްލެކް ބޮކްސްއިން ލިބުނު މަޢުލޫމާތު
މަތިންދާބޯޓުގެ އެންހޭންސްޑް އެއަރބޯން ފްލައިޓް ރެކޯޑަރު (އީއޭއެފްއާރު) ނުވަތަ ބްލެކް ބޮކްސްއިން ލިބުނު މަޢުލޫމާތުން ދައްކާގޮތުގައި، ފްލައިޓް 171 ވަނީ އާންމު އުސޫލުން ފުރާފައެވެ. މަތިންދާބޯޓު 153 ނޮޓްސް (ގާތްގަނޑަކަށް 283 ކިލޯމީޓަރު/ގަޑި) އަށް ދުވެ، އެންމެ މަތީ ސްޕީޑެއްގެ ގޮތުގައި 180 ނޮޓްސް (ގާތްގަނޑަކަށް 333 ކިލޯމީޓަރު/ގަޑި) އަށް އަރާފައިވެއެވެ.
މޫސުން ރަނގަޅުވެ، ވިޒިބިލިޓީ ރަނގަޅު ވަގުތެއްގައި ހިނގި މި ހާދިސާގައި، އެންޖިން 1 އަދި އެންޖިން 2 ގެ ފިއުލް ކޮންޓްރޯލް ސްވިޗްތައް ވަނީ “ރަން” އިން “ކަޓް އޮފް” އަށް އެއް ސިކުންތުގެ ތަފާތުގައި ބަދަލުވެފައެވެ. މި ހާދިސާއިން ދިރިހުއްޓާ ސަލާމަތްވެފައިވަނީ 11އޭ ގޮނޑީގައި އިން ބްރިޓިޝް-އިންޑިއަން ފިރިހެނެކެވެ.
2011 ގައި ބޯއިންގ 787 ވައިގެ ދަތުރުތައް ފެށުނު ފަހުން މިއީ މި ބާވަތުގެ މަތިންދާބޯޓަކަށް ދިމާވި ފުރަތަމަ މިފަދަ ހާދިސާއެވެ. މި ހާދިސާއާ ގުޅިގެން ތަހުގީގުތައް އިތުރަށް ކުރިއަށްދާ ކަމަށް އޭއޭއައިބީން ބުނެފައިވެއެވެ.



