އިޒްރޭލުގެ ހަނގުރާމައާއި ބްލޮކޭޑްގެ ސަބަބުން ޣައްޒާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދާއިރު، ވޭތުވެދިޔަ ޖޫން މަހު އެ ސަރަހައްދުގައި 5،800 އަށް ވުރެ ގިނަ ކުދިންނަށް ނުރަނގަޅު ކާނާގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށް ޔުނިސެފުން ބުނެފިއެވެ. މީގެ ތެރޭގައި 1،000 އަށް ވުރެ ގިނަ ކުދިންނަށް ވަނީ ނުރައްކާތެރި ދަރަޖައަކަށް މި މައްސަލަ ދިމާވެފައެވެ.
މިކަން މިގޮތަށް ދިމާވާ ހަތަރުމަސް ވެފައިވާކަން ޔުނިސެފުން ފާހަގަކޮށް، ކުއްލި އަދި ފުޅާ ދާއިރާއެއްގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.އަދި ބަނޑުހައިހޫނުކަމާއި ހިފެހެއްޓުންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ކުދިން މަރުވަމުންދާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
އދ. ގެ ފަލަސްޠީނު ރެފިއުޖީ އެޖެންސީ (އަންރުވާ) އިން ބުނެފައިވާ ގޮތުގައި މާރިޗު މަހުން ފެށިގެން އެ އިދާރާގެ ކްލިނިކްތަކުގައި ނުރަނގަޅު ކާނާގެ މައްސަލަ ދިމާވާ ކުދިންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އުތުރު ޣައްޒާއަށް އެހީ ފޯރުކޮށްދިނުން ހުއްޓުވާލާފައިވުމާއި، ޞިއްޙީ ޚިދުމަތްތައް ފުނޑުފުނޑުވެ ދިއުމުގެ ސަބަބުން ކުދިންނަށް ފަރުވާ ދިނުމަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
މި ހާލަތުގައި ޣައްޒާގެ ކުޑަކުދިންނަށް ދިމާވެފައިވާ ނުރަނގަޅު ކާނާގެ މައްސަލައަކީ ކުއްލި ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ނުރައްކާތެރި ހާލަތެއް ކަމަށް އދ. ގެ އިދާރާތަކުން ވަނީ އިންޒާރު ދީފައެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން އަވަސް މިނެއްގައި ބޭނުންވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.



