މާލެއިން ޒުވާނެއް ގެއްލިގެން، އޭނާ ހޯދުމަށް ފުލހުންގެ ހިދުމަތުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ގ.ގާރނެޓް، ޙަސަން ޔާމީން (30 އަހަރު) އެވެ. އޭނާ ގެއްލިފައިވަނީ 2025 ޖުލައި 11 ވަނަ ދުވަހުގެ ރޭ 21:25 އެހައިކަންހާއިރު، އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުންނެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2025 ޖުލައި 14 ވަނަ ދުވަހުގެ ރޭ 20:30 އެހައިކަންހާއިރުކަމަށް ފުލުހުން ބުނެފައި ވެއެވެ. އޭގެފަހުން ފެށިގެން ފުލުހުން ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިއަދާއި ހަމަޔަށްވެސް އޭނާ ފެނިފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ވަނީ ޙަސަން ޔާމީންއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތްތަކުން އެ މަޢުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް އެދިފައެވެ. މި ގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅުމަށް ފުލުހުން އެދިފައިވެއެވެ.



