އިނގިރޭސިވިލާތުގެ އެންމެ މަޝްހޫރު އަދި ގިނަ ބަޔަކު ލޯބިވާ ގަސްތަކުގެ ތެރެއިން ގަހެއް ކަމުގައިވާ “ސިކަމޯ ގެޕް” ގަހެއް 2023 ވަނަ އަހަރު ކަނޑާލި ދެމީހަކަށް ޖަލު ޙުކުމް އިއްވައިފިއެވެ.
އެގޮތުން އިނގިރޭސިވިލާތުގެ އުތުރު ސަރަހައްދުގައި ހުންނަ ނިއުކާސަލްގެ ކޯޓުން 39 އަހަރުގެ ޑެނިއަލް ގްރަހަމް އަދި 32 އަހަރުގެ އެޑަމް ކެރަދަރސްއަށް 4 އަހަރާއި 3 މަހުގެ ޖަލު ޙުކުމެއް އިއްވާފައިވެއެވެ.
އަންގާރަ ދުވަހު މި ޖަލު ހުކުމް އިއްވަމުން ފަނޑިޔާރު ވަނީ މި ޢަމަލަކީ މުޅި ދުނިޔެއަށް ވެސް އެކަމުގެ ގެއްލުމުގެ އިހުސާސް ކުރެވޭނެ ކަމެއް ކަމަށެވެ.
ފަނޑިޔާރު ކްރިސްޓީނާ ލެމްބަޓް ވިދާޅުވި ގޮތުގައި ސިކަމޯ ގެޕް ގަހަކީ ނޯތަމްބަލަންޑްގެ މުހިންމު އަދި އެ ސަރަހައްދުގެ ޤުދުރަތީ ރީތިކަމުގެ ނިޝާނެކެވެ. އަދި ގިނަ ބަޔަކަށް އެއީ ކައިވެނީގެ ހުށަހެޅުންތަކާއި ލޯބިވާ މީހުންގެ ހަނދާނީ ތަނެއްގެ ގޮތުގައި ޚާއްޞަ މަޤާމެއް ލިބިފައިވާ ތަނެކެވެ.
1800 ގެ އަހަރުތަކުގައި އިންދާފައިވާ މި ގަހަކީ އިނގިރޭސިވިލާތުގެ އެންމެ ގިނައިން ފޮޓޯ ނަގާ ގަސްތަކުގެ ތެރެއިން އެއް ގަހެވެ. އަދި 1991 ގައި ނެރުނު “ރޮބިން ހުޑް: ޕްރިންސް އޮފް ތީވްސް” ފިލްމުގައިވެސް މި ގަސް ފެނިގެން ގޮސްފައިވެއެވެ. މި ގަސް ހުރީ ރޯމަން އެމްޕަޔަރުގެ އުތުރު ސަރަހައްދު ރައްކާތެރިކުރުމަށް ބޭނުންކުރި 70 މޭލުގެ ހެޑްރިއަންސް ވޯލް ކައިރީގައެވެ.
ކޯޓުން ވިދާޅުވި ގޮތުގައި ދެ މީހުން މި ކުށަށް އިޢުތިރާފުވެފައިވީ ނަމަވެސް، އެމީހުންގެ އަދަބު ކުޑަކުރަން މަސައްކަތްކޮށްފައިވެއެވެ. ކެރަދަރސް ބުނެފައިވަނީ އެ ދެ މީހުން ރާ ބޮއެގެން ހުރެ ގަސް ކެނޑި ކަމަށާއި، އެކަން ކުރި ސަބަބެއް ނޭނގޭ ކަމަށެވެ. އަދި ގްރަހަމް ބުނެފައިވަނީ އޭނާ ހަމައެކަނި ކުރި ކަމަކީ ކާރު ދުއްވައިގެން އެތަނަށް ދިއުމާއި ވީޑިއޯ ނެގުން ކަމަށެވެ.



