ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގައި އޮންނަ ސަރުކާރުގެ ހިއްސާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
ރައީސް އޮފީހުން ރޭ ހާމަކުރި ގޮތުގައި، މި ނިންމުން ނިންމާފައިވަނީ އެސްޑީއެފްސީގެ ހިއްސާ ގަތުމަށް ބީއެމްއެލްއިން ހުށަހެޅި ޕްރޮޕޯސަލްއާ ގުޅިގެން، ފިނޭންސް މިނިސްޓްރީން ހުށަހެޅި ދިރާސާ ކަރުދާހަށް މަޝްވަރާކުރުމަށްފަހުއެވެ. މި މުއާމަލާތުގެ ދަށުން، ބީއެމްއެލްއިން ވަނީ ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯނު، އަދި ފަސް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ހުށަހަޅާފައެވެ.
ބީއެމްއެލްގެ ދަށަށް އެސްޑީއެފްސީ ބަދަލުވުމަށްފަހު، އެ މުއައްސަސާ ހިންގުމަށް ހަމަޖެހިފައިވަނީ ޝަރީއާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައެވެ. އަދި މިހާރުގެ އިންޓަރެސްޓް ރޭޓްތަކަށްވުރެ ބޮޑުނުވާ ގޮތަށް، ޒަމާނީ ޑިޖިޓަލް ބޭންކިންގ ނިޒާމުގެ ތެރެއިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ.
މި ބަދަލާއެކު، ބީއެމްއެލްގެ ފުޅާ ނެޓްވޯކް މެދުވެރިކޮށް އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގގެ ޚިދުމަތް ފުޅާވެގެންދާނެ ކަމަށާއި، އެސްޑީއެފްސީގެ ސިސްޓަމްތައް ޑިޖިޓަލައިޒްކޮށް އޮޓޮމޭޓްކުރުމުން ޚިދުމަތްތައް އަވަސްވެ، މުޅި މުއައްސަސާގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ރައީސް އޮފީހުން ބަޔާންކޮށްފައިވެއެވެ.



