ރާއްޖެއަށް މުދާ އެތެރެކުރުމަށް ވިޔަފާރިތަކަށް ދޭ ޑޮލަރ ސަޕޯޓަށް ބޭނުންވާ ޑޮލަރު ހިމެނޭހެން ރާއްޖޭގެ ބޭންކުތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ދޫކުރާ ޑޮލަރުގެ ނިސްބަތް 10 އިންސައްތަ އިތުރު ކުރުމަށް، އެމްއެމްއޭއިން ނިންމައިފިއެވެ.
އެމްއެމްއޭއިން ނެރެފައިވާ ބަޔާނުގައި ވިދާޅުވީ މި ބަދަލަށް މި ހަފްތާއިން ފެށިގެން އަމަލުކުރަން ފަށާނެކަމަށެވެ. މީގެ ސަބަބުން ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ ޑޮލަރުގެ ނިސްބަތް 40 އިންސައްތައަށް އިތުރުކުރުމަށް މަގުފަހިވެގެން ދާނެކަމަށެވެ.
މި އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ ހަފްތާއަކު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާ 60 އިންސައްތައިން 90 އިންސައްތައަށް ވަނީ މަތިކޮށްފައެވެ. ބޭންކުންތަކުން އެމްއެމްއޭއަށް މާރުކުރާ ޑޮލަރުގެ 60 އިންސައްތަ ބޭނުން ކުރަނީ، ސަރުކާރުގެ އެކި ބޭނުންތަކަށާއި ރިޒާވް އިތުރުކުރުމަށެވެ.
ނަމަވެސް އެމްއެމްއޭއިން ހަމާކުރާ ގޮތުގައި، ދާދި ފަހުން ގެނެވުނު ބަދަލާއެކު ބޭންކުތަކުން އިތުރަށް މާރުކުރާ 30 އިންސައްތަ އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ދަނީ ވިއްކަމުންނެވެ. މި ފައިސާ ބޭނުންކުރެވޭނީ ވަކި ކަންކަމުގައި ކަމަށް އެއިދާރައިން ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި އާންމުންގެ އެކިއެކި ޒަރޫރީ ބޭނުން ތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންތަކަށް ބޭނުންކުރެއެވެ. އަދި މި އަދަދުގެ ބޮޑު ބައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށް ދަނީ ބޭނުންކުރަމުންނެވެ.



