މިލަދޫ ރައްޔިތުންގެ އުންމީދުގައި ކުލަ ޖައްސާދޭނެކަމަށާއި، އެންމެ ވަޢުދެއްވެސް ނުފުއްދާ ދޫނުކުރާނެކަމަށާއި، ވަޢުދު ފުއްދުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނ އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިލަދޫއަށް ވަޑައިގެން އެ ރަށުގ ރައްޔިތުންނާއި ވަނީ ބައްދަލުކުރައްވާފައެވެ. ރައީސް ގެ ވާހަކަފުޅުގައި ވަނީ މިލަދޫގެ ތަރައްޤީއަށް މިއަހަރު ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވެ، އެރަށަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއްވެސް ފުއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން އެންމެ އަވަހަށް ފެށިގެންދާނެ މަޝްރޫޢުތަކުގެ ތެރޭގައި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމާއި، މަގުހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރުން ހިމެނެއެވެ.
ސިއްޙީ ދާއިރާއަށް އިތުރު ވަސީލަތްތައް
ރައީސްގެ ވާހަކަފުޅުގައި ސިއްޙީ މަރުކަޒުގެ މަސައްކަތް ނިމުމަކާ ހަމައަށް ދާއިރު، އިންސާނީ ވަސީލަތްތައް އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެކަމަށް ވިދާޅުވިއެވެ. އަދި ޓެކްނިކަލް ދާއިރާއިން މަދުވެގެން 2 މުވައްޒަފުން ހަމަޖެއްސުމަށް މަސައްކަތްކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމާއި ކުޅިވަރުގެ ވަސީލަތްތައް
ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މިލަދޫގައި 50 ޔުނިޓް ތަރައްޤީކުރެވޭނެކަމަށާއި، މި މަޝްރޫޢު ކުރިއަށްގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަކަށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އެޅުމާއި، އައުޓްޑޯ ޖިމެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ.
މި އަހަރުގެ ތެރޭގައި މި ހުރިހާ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފެށި، އަންނަ އަހަރު ނިމުމުގެ ކުރިން މަޝްރޫޢުތައް ނިންމުމަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވެއެވެ.



