ރަޝިޔާގެ އިރުމަތީ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެެއެވެ.
ރިކްޓަރ ސްކޭލްގައި 8.8 ގެ ވަރުގަދަ ބިންހެލުމެއް އައުމާ ގުޅިގެން ޕެސިފިކް ކަނޑުގެ ގިނަ ސަރަހައްދުތަކަށް ސުނާމީގެ ނުރައްކާ ކުރިމަތިވެފައިވެއެވެ. މީގެ ތެރޭގައި ހަވާއީ، ދެކުނު އެލާސްކާ، އެމެރިކާގެ ހުޅަނގު ފަރާތުގެ މުޅި އައްސޭރިފަށާއި ބްރިޓިޝް ކޮލަމްބިއާ ހިމެނެއެވެ.
ރަޝިޔާގެ ކަމްޗަޓްކާ ޕެނިންސުލާގެ ގަވަރުނަރު ވްލަދިމީރު ސޮލޮޑޮވް ވިދާޅުވި ގޮތުގައި މިއީ ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި އެ ސަރަހައްދުގައި އައި އެންމެ ވަރުގަދަ ބިންހެލުމެވެ. ކަމްޗަޓްކާގެ ބައެއް ސަރަހައްދުތަކަށް 10-13 ފޫޓުގެ އުސްމިނުގެ ސުނާމީ ރާޅު އަރާފައިވާ ކަމަށް އެ ސަރަހައްދުގެ ކުއްލި ހާލަތުގެ ވަޒީރު ސަރގެއި ލެބެޑެވް ވިދާޅުވިއެވެ.
“ބިންހެލުމާ ގުޅިގެން ބައެއް މީހުންނަށް އަނިޔާވެފައިވޭ. ބައެއް މީހުންނަށް އަނިޔާވީ ބޭރަށް ދުވެފައި ދިޔައިރު، އެއް ބަލިމީހަކު ކުޑަދޮރުން ފުންމާލި.. އަދި އާ އެއަރޕޯޓް ޓާމިނަލްގައި އަންހެނަކަށްވެސް އަނިޔާވެފައިވޭ،” ސަރަހައްދުގެ ސިއްހީ ވަޒީރު އޮލެގް މެލްނިކޮވް ވިދާޅުވިއެވެ.
ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ އެ ގައުމުގެ ބޮޑެތި އައްސޭރިފަށުގެ ސަރަހައްދުތަކަށް 10 ފޫޓާ ހަމައަށް އުސް ސުނާމީ ރާޅު އެރުމުގެ ފުރުސަތު އޮތް ކަމަށެވެ. މިކަމާ ގުޅިގެން ޖަޕާނުގެ އިރުމަތީ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް އަންގާފައިވެއެވެ. އަދި ހޮކައިޑޯގެ ގިނަ ރައްޔިތުން ވަނީ އިމާރާތްތަކުގެ ފުރާޅުމަތީގައި ހިމާޔަތް ހޯދަން މަޖުބޫރުވެފައެވެ.



