ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުންގެ މަޤާމުތަކަށް ބަދަލު ގެނެސްފިއެވެ. އެގޮތުން އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ބަދަލުކުރައްވައި، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އިބްރާހިމް ނަޒީމް ވަނީ އައްޔަންކުރައްވާފައެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މި ބަދަލު ގެނެސްފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މައުރޫފު ޖަމީލު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މައުރޫފު އިސްތިއުފާ ދެއްވާފައިވަނީ އަންނަ މަހުގެ 18 ވަނަ ދުވަހު ރިޓަޔަރ ކުރައްވަން ނިންމަވާފައި ވަނިކޮށް، ޕީސީބީގެ އެންގެވުމަކަށް ކަމަށް މައުލޫމާތު ލިބެއެވެ.
އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކުރެއްވި އިބްރާހިމް ނަޒީމަކީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި، ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މަގުތައް ހެދުމާއި ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައިވެއެވެ.
އެޗްޑީސީގެ އައު މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރަކީ މީގެ ކުރިން ސިފައިންގޭގައި ބްރިގޭޑިއަރ ޖެނެރަލްގެ މަޤާމު ފުރުއްވުމަށްފަހު ރިޓަޔަރ ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރެއްވީ މިދިޔަ ނޮވެމްބަރު 29 ވަނަ ދުވަހުއެވެ.



