ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ އައު ގަވާއިދެއް ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކޮށް އަމަލުކުރަން ފަށައިފިއެވެ. މި ގަވާއިދުގެ ދަށުން ފަތުރުވެރިކަން އިޝްތިހާރުކުރެވޭނީ ހަމައެކަނި ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނަށެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި އިޝްތިހާރުކުރުމުގެ ހުއްދަ ލިބޭނެ ތަންތަނުގެ ތެރޭގައި ޓޫރިސްޓު ރިސޯޓުތަކާއި، އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓުތަކާއި، ޕްރައިވެޓް އައިލެންޑްތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، ޔޮޓު ބަނދަރުތަކާއި، ޑައިވިންގ ސެންޓަރުތަކާއި އަދި އެކްސްކާޝަން އަދި ވޯޓަރ ސްޕޯޓްސްގެ ޚިދުމަތްދޭ ތަންތަން ހިމެނެއެވެ. މީގެ އިތުރުން ވެސް ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ތަންތަނަށް މި ގަވާއިދުގެ ދަށުން އިޝްތިހާރުކުރެވޭނެއެވެ.
އައު ގަވާއިދުގެ ދަށުން ސޯޝަލް މީޑިއާގައި އިޝްތިހާރުކުރާއިރު ހަގީގަތާ ޚިލާފު ފޮޓޯ އަދި ވީޑިއޯ ބޭނުންކުރުން މަނާކުރެވިފައިވެއެވެ. އަދި އިޝްތިހާރުކުރާއިރު އެއީ އިޝްތިހާރެއްކަން އެނގޭނެހެން ބަޔާންކުރަންޖެހޭނެއެވެ. މީގެ އިތުރުން އޭއައި ކޮންޓެންޓު ބޭނުންކުރާނަމަ އެކަން ސާފުކޮށް ހާމަކުރަންޖެހޭނެކަމަށް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ޖޫރިމަނާ ކުރެވޭނެ އުސޫލުތައް ވެސް ކަނޑައެޅިފައިވެއެވެ. އެގޮތުން ފުރަތަމަ ފަހަރު 10,000 ރުފިޔާއިން، ދެވަނަ ފަހަރު 50,000 ރުފިޔާއިން އަދި ތިންވަނަ ފަހަރު 100,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ތިން ފަހަރަށްވުރެ ގިނައިން ގަވާއިދާ ޚިލާފުވާ ފަރާތްތައް ލިޔުމުން އެންގުމަކާ ނުލައި ކޮންމެ ފަހަރަކު 100,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.



