2024 ވަނަ އަހަރު ޖަޕާނުގެ އާބާދީ 0.75 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ރަސްމީ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ 1968 ވަނަ އަހަރުން ފެށިގެން ޖަޕާނުން އާބާދީގެ ރެކޯޑުތައް ބަލަހައްޓަން ފެށި ފަހުން އެންމެ ބޮޑަށް ދަށްވި ފަހަރެވެ.
އިންޓަރނަލް އެފެއާޒް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާއެކު ވިދިވިދިގެން 16 ވަނަ އަހަރު ޖަޕާނުގެ އާބާދީ ވަނީ ދަށަށް ގޮސްފައެވެ. 2009 ވަނަ އަހަރު 126.6 މިލިއަން މީހުންގެ އާބާދީއެއް އޮތް ޖަޕާނުގެ އާބާދީ މިހާރު ވަނީ 120.65 މިލިއަނަށް ތިރިވެފައެވެ. މިއީ 908,574 މީހުންގެ ދަށްވުމެކެވެ.
ޖަޕާނުގެ އާބާދީގެ 30 އިންސައްތައަކީ 65 އަހަރުން މަތީގެ މީހުންނެވެ. އަދި 60 އިންސައްތައަކީ 15 އާއި 64 އަހަރާ ދެމެދުގެ މީހުންނެވެ. ވޯލްޑް ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މޮނާކޯ ފިޔަވައި އެންމެ ދުވަސްވީ އާބާދީއެއް އޮތް ޤައުމަކީ ޖަޕާނެވެ. އަދި 2024 ގައި އުފަންވި ކުދިންގެ އަދަދު ވަނީ 686,061 އަށް ދަށްވެފައެވެ. މިއީ 1899 އިން ފެށިގެން ރެކޯޑުތައް ބެލެހެއްޓެން ފެށި ފަހުން އެންމެ ދަށް އަދަދެވެ.
މި ކަންބޮޑުވުން ފާޅުކުރައްވަމުން، ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ ވިދާޅުވީ މިއީ “ހަމަހިމޭން ކުއްލި ނުރައްކަލެއް” ކަމަށެވެ. އަދި މި ކަމާ ގުޅޭގޮތުން އިތުރު ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް، ޖަޕާނުގައި ދިރިއުޅޭ ބިދޭސީންގެ އަދަދު 2025 ގެ ޖަނަވަރީ 1 ގައި ވަނީ 3.67 މިލިއަނަށް އަރާފައެވެ. މިއީ 2013 އިން ފެށިގެން ރެކޯޑުތައް ބެލެހެއްޓެން ފެށި ފަހުން އެންމެ މަތީ އަދަދެވެ.
ޖަޕާނުގެ ސަރުކާރުން ދަނީ އުފަންވާ ކުދިންގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ.



