ރާއްޖެ-ތުރުކީ ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުމުގެ ދަށުން ތުރުކީން ރާއްޖެއަށް ހަދިޔާކޮށްފައިވާ މިސައިލް ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ޓީސީޖީ ވޯލްކަން، ޕީ-343 މަރުކާގެ މަނަވަރު ރާއްޖެ ގެނެސްފި އެވެ.
މި މަނަވަރު މިހާރު އޮތް ކަމަށް ދައްކަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި މި މަނަވަރު އިފްތިތާހުކުރުމަށް ރަސްމީ ހަފްލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މަނަވަރުގައި މަސައްކަތްކުރާނެ ދިވެހި ސިފައިން ތަމްރީނުކުރުމަށް ތުރުކީގައި މިދިޔަ އޭޕްރީލް އަދި މޭ މަހު ތަމްރީނު ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ 1984 ވަނަ އަހަރުން ފެށިގެން ތުރުކީގެ އަސްކަރިއްޔާގައި ބޭނުންކުރަމުން އަންނަ ބާވަތުގެ މަނަވަރެކެވެ.
ތުރުކީގެ އަސްކަރިއްޔާއިން މިހާރު މި ބާވަތުގެ މަނަވަރުތައް ބޭނުންކުރަމުން ގެންދަނީ ހަމައެކަނި ތަފާތު ހަތިޔާރުތައް ޓެސްޓްކުރުމަށާއި އަސްކަރީ ތަމްރީނުތަކުގައެވެ. މި މަނަވަރަކީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާއެކު ތުރުކީ ކަނޑުގެ ސިފައިން ބޭނުންކުރަން ފެށި ފުރަތަމަ ބާވަތުގެ މަނަވަރެވެ.



