ވައިބަރ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށްގެން، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާތީ، މިކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ރައްޔިތުންނަށް އިންޒާރު ދެއްވައިފިއެވެ.
ފުލުހުން ދެއްވި މަޢުލޫމާތުގައި، ވައިބަރގެ ވެރިފިކޭޝަން ކޯޑު އެއްވެސް ހާލެއްގައި އެހެން ފަރާތަކާ ހިއްސާނުކުރުމަށާއި، ވައިބަރ ސެޓިންގްސްއިން “ޓޫ-ސްޓެޕް ވެރިފިކޭޝަން” އެކްޓިވޭޓްކުރުމަށް އިރުޝާދު ދެއްވާފައިވެއެވެ. އަދި ކުއްލިއަކަށް ފައިސާ ނުވަތަ ޒާތީ މަޢުލޫމާތު ހިއްސާކުރުމަށް އެދޭ ފަރާތްތަކާމެދު ސަމާލުވުމަށްވެސް އަންގަވާފައިވެއެވެ.
ފުލުހުން ދެއްވި އިރުޝާދުތަކުގެ ތެރޭގައި، އޮންލައިން މުޢާމަލާތްތަކުގައި ހަމައެކަނި ރަސްމީ އަދި ޤާނޫނީ ގޮތުން ޤަބޫލުކުރެވޭ ޕޭމަންޓް ގޭޓްވޭތައް ބޭނުންކުރުމަށާއި، ނޭނގޭ ބޭރު ނަންބަރުތަކުން އަންނަ މެސެޖުތަކަށް ޖަވާބު ނުދިނުމަށް އަންގަވާފައިވެއެވެ. މީގެއިތުރުން، ބޭރު ފައިސާ މާރުކުރުމުގައި ހަމައެކަނި ލައިސަންސް ލިބިފައިވާ މަނީ އެކްސްޗޭންޖްތަކާއި ބޭންކުތައް މެދުވެރިކޮށް މުޢާމަލާތްކުރުމަށްވެސް އިރުޝާދު ދެއްވާފައިވެއެވެ.
ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ، ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުމަށާއި، ޝައްކުކުރެވޭ މުޢާމަލާތްތައް ބޭންކަށް ނުވަތަ ކާޑު ދޫކުރި ފަރާތަށް ވަގުތުން ރިޕޯޓުކުރުމަށް ފުލުހުން އިރުޝާދު ދެއްވާފައިވެއެވެ. އަދި މިފަދަ ހާދިސާތައް ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަކީވެސް މުހިންމު ކަމެއްކަމުގައި ފާހަގަކުރައްވާފައިވެއެވެ.
އޮންލައިން ޝޮޕިންގ ކުރާއިރު ރައްކާތެރިވުމަށްޓަކައި، ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުމާއި، ކްރެޑިޓް ކާޑު ނުވަތަ ވާރޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުމަށް ފުލުހުން ލަފާދެއްވާފައިވެއެވެ. އަދި އެޕްލިކޭޝަންތައް ޑައުންލޯޑުކުރަނީ ހަމައެކަނި ރަސްމީ ޕްލެޓްފޯމްތަކުން ކަން ކަށަވަރުކުރުމަށްވެސް އަންގަވާފައިވެއެވެ.



