ޓޫރިޒަމް ތަރައްޤީވަމުންދާ ރަށްރަށާއި އާބާދީ ކުޑަ ރަށްރަށުގެ މަގުތައް ތަރައްޤީކުރުމުގައި އެ ރަށްރަށުގެ ގުދުރަތީ ރީތިކަން ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. މިކަން ރައީސް ފާހަގަކުރެއްވީ މިއަދު ބ. ކަމަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.
ރައީސް ވިދާޅުވީ ހުރިހާ ރަށެއްގައިވެސް ތާރު އަޅައިގެން ނުވަތަ ގާ އަތުރައިގެން މަގުތައް ހެދުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ރަށްރަށުގެ މަގުތައް ހެދުމުގައި އިސްކަންދޭންވާނީ ރަނގަޅު ފެންހިންދާ ނިޒާމެއް ޤާއިމުކޮށް، މަގުތައް އެންމެ ތަބީޢީ ގޮތުގައި ދެމެހެއްޓުމަށް ކަމަށް ވިދާޅުވިއެވެ.
ރަށްރަށުގެ މަގުތައް ތަރައްޤީކުރާނީ އެރަށެއްގެ ރައްޔިތުން އެދޭ ގޮތަކަށް ކަމަށް ފާހަގަކުރައްވަމުން، ކަމަދޫގެ ރައްޔިތުން އެދިވަޑައިގަންނަވާނަމަ، ގުދުރަތީ ވެށި ހިމާޔަތްކުރެވޭނެ ގޮތަށް އެރަށުގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރަށުގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވާނެ ގޮތަށް ކަމަށެވެ. އަދި މިކަމުގައި އެންމެ މުހިންމީ ރަށްރަށުގެ ގުދުރަތީ ރީތިކަން ވީހާވެސް ބޮޑަކަށް ހިމާޔަތްކުރެވޭނެ ގޮތަކަށް މަސައްކަތްތައް ރޭވުން ކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.



