ސައުދީ އަރަބިއާ އިން އެއް ދުވަސް ތެރޭގައި 8 މީހުންނަށް މަރުގެ އަދަބުދީފިއެވެ. މި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ބިދޭސީންނެވެ. އަދި އެމީހުންގެ މަރުގެ ހުކުމް ތަންފީޒްކޮށްފައިވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކަށެވެ.
ސައުދީ ޕްރެސް އެޖެންސީން ހޯނިހިރު ދުވަހު ރިޕޯޓްކުރި ގޮތުގައި، ނަޖްރާން ސަރަހައްދުގައި މަރުގެ އަދަބުދިން މީހުންގެ ތެރޭގައި ހިމެނެނީ 4 ސޯމާލީ އަދި 3 އިތިއޯޕިއާ ރައްޔިތުންނެވެ. މި މީހުންނަށް މަރުގެ އަދަބު ދީފައިވަނީ “ސައުދީއަށް ހަޝީޝް އެތެރެކުރުމުގެ” ކުށުގައެވެ. މީގެ އިތުރުން އެއް ސައުދީ ރައްޔިތަކަށް އަދަބު ދީފައިވަނީ އޭނާގެ މަންމަ މެރުމުގެ ކުށުގައެވެ.
2021 ވަނަ އަހަރު މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކަށް މަރުގެ އަދަބު ދިނުން ވަގުތީގޮތުން ހުއްޓާލާފައިވަނިކޮށް އަލުން ފެށުމަށްފަހު، ހުކުމް ތަންފީޒްކުރެވޭ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
2024 ވަނަ އަހަރު ސައުދީ އިން ވަނީ ރެކޯޑު އަދަދެއްގެ 345 މީހުންގެ މަރުގެ ހުކުމް ތަންފީޒްކޮށްފައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންގެ ހުކުމް ތަންފީޒްކޮށްފައިވަނީ މަރާ ނުގުޅޭ ކުށްތަކުގައެވެ. 2025 ވަނަ އަހަރުގެ މިހާތަނަށް 230 މީހުންގެ ހުކުމް ވަނީ ތަންފީޒްކޮށްފައެވެ. މީގެ ތެރެއިން 154 މީހުން އިދާމްކޮށްފައިވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކުގައެވެ.



