ރަށެއްގެ ކުޑަބޮޑުމިނަށް ބެއްލެވުމެއްނެތި، ކޮންމެ ރަށެއްގައިވެސް އާބާދީއާ އެކަށޭނަ މިންވަރަށް އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވީ ރައީސް ބ. ފެހެންދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރަށްރަށަށް ވަޑައިގެން ވެވަޑައިގެންނެވި ވަޢުދުތަކަކީ އިޚުލާޞްތެރިކަމާއެކު ފުއްދަވައިދެއްވުމަށް ޢަޒުމު ކަނޑައަޅުއްވައިގެން ވެވަޑައިގެންނެވި ވަޢުދުތަކެއް ކަމަށެވެ. އަދި ފެހެންދޫގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށްވާ ފެނާއި ނަރުދަމާގެ މައްސަލަ އަވަހަށް ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.
ފެހެންދޫގެ ތަރައްޤީއަށް މިއަހަރު ތެރޭގައި ގިނަ މަޝްރޫޢުތަކެއް ފައްޓަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. މިގޮތުން ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަނާއި ވަޞީލަތްތައް ފުރިހަމަ ކުރުމުގެ މަޝްރޫޢުގެ އިތުރުން، ފުލް ސައިޒް ފުޓުބޯޅަ ދަނޑެއް ހެދުމާއި، ފުޓްސަލް ދަނޑުގެ ޕިޗު އާކުރުމާއި، ވޮލީ ކޯޓު އެޅުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.
އެހެންނަމަވެސް، ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަކީ ޚަރަދު ބޮޑު މަސައްކަތަކަށް ވުމާއެކު، ޖެޓީގެ މައްސަލައާއި ރަށްގިރުމުގެ މައްސަލައަށް ޙައްލު ހޯއްދެވުމުގެ މަސައްކަތް ކުރިއަށް ގެންދަވާނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.



