އިސްރާއީލް ސިފައިން ޣައްޒާ ސިޓީގެ އެންމެ ބޮޑު ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދު ކަމަށްވާ ޒައިތޫން ސަރަހައްދުގައި ދިނަ ތިން ދުވަހުގެ ހަމަލާއެއްގައި 300 އަށް ވުރެ ގިނަ ގެ ތަޅާލައި، އެތަނުގައި ދިރިއުޅެމުން އައި އާއިލާތަކެއް ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ސިވިލް ޑިފެންސްގެ އޮފިޝަލުން ބުނާ ގޮތުގައި، އެއްވެސް އިންޒާރެއް ނުދީ އިސްރާއިލް ސިފައިން ގޭގެއަށް ދިން ހަމަލާތަކުގައި އާއިލާތަކެއް އެއްކޮށް ޝަހީދުކޮށްލާފައިވެއެވެ. މި ހަމަލާތަކުގައި ބޭނުންކުރި ބޮންތަކަކީ އެހާވެސް ވަރުގަދަ ބޮންތަކެއް ކަމުން، އަމާޒުކުރި ގޭގެއާއި އެ ގޭގެ ވަށައިގެން ހުރި އިމާރާތްތައްވެސް ވަނީ ފަނާވެގެން ގޮސްފައެވެ.
މީގެ އިތުރުން، ޒަޚަމްވެފައިވާ މީހުންނަށް އެހީތެރިވުމަށް ނުވަތަ މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމަށް ސަލާމަތްކުރާ އެމަރޖެންސީ ޓީމުތަކަށް އެ ސަރަހައްދަށް ނުވަދެވޭގޮތަށް ވަނީ ބަންދުވެސް ކޮށްފައެވެ.
ޒައިތޫން ސަރަހައްދަށް ދެމުންދާ މެދުނުކެނޑި ހަމަލާތަކާއި ސުންނާފަތިކުރުމުގެ އަމަލުތައް ފެށިފައިވަނީ އަންގާރަ ދުވަހުއެވެ.
މި ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފަށް، ޣައްޒާ ސިޓީގެ ބާރު ހޯދައި، ގާތްގަނޑަކަށް އެއް މިލިއަން ރައްޔިތުން ދެކުނަށް ބަދަލުކުރުމަށް އިސްރާއީލުން ރާވާފައިވާ ޕްލޭންގެ ބައެކެވެ.



