ބަންޑާރަނައިބު އޮފީހުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ސޮއިކުރައްވައިފި އެވެ. މި ބިލު ތަޞްދީޤުކުރެއްވުމާއެކު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. މަޖިލީހުން މި ބިލު ފާސްކުރެއްވީ މިދިޔަ އަންގާރަ ދުވަހު އެވެ.
މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ ބަންޑާރަނައިބު އޮފީހުގެ މަސްއޫލިއްޔަތުތައް އަލުން މުރާޖަޢާކުރުމާއި، އެ އޮފީހުގެ ޤާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް ޤާނޫނުގައި ކަނޑައެޅުމެވެ. އަދި މީގެ އިތުރުން އެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ގުޅޭ އުސޫލުތައް އިޞްލާޙުކުރުމެވެ.
މި އިޞްލާޙުތަކުގެ ސަބަބުން ބަންޑާރަނައިބު އޮފީހުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، އެ އޮފީހުގެ މުވައްޒަފުންގެ ޙައްޤުތައް އިތުރަށް ރައްކާތެރިކުރެވިގެންދާނެ ކަމަށް ބެލެވެއެވެ.



