އިސްރާއީލުން ޣައްޒާއަށް ނުރައްކާތެރި ހަމަލާތައް ދެމުންދާތާ ދެ އަހަރާއި ގާތްވެފައި ވާއިރު، މިހާތަނަށް މި ލާއިންސާނީ ހަމަލާތަކުގައި 62،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި ރައްކާތެރިކަމެއް ނެތް ޣައްޒާގެ ރައްޔިތުން ދަނީ ހަނގުރާމައިގެ ވޭނާއި، ބަނޑުހައިހޫނުކަމާއި، ކާބޯތަކެތި ހޯދުމަށް ކުރާ މަސައްކަތުގައި މަރުވަމުންނެވެ.
އިސްރާއީލުން މިހާރު ދަނީ ޣައްޒާ ސިޓީއަށް އިތުރު ހަމަލާތައް ދެމުންނެވެ. މި ސަރަހައްދަކީ މިހާރު މުޅިން ހަލާކުވެފައިވާ ސަރަހައްދެކެވެ. އިސްރާއީލުގެ މަޤްސަދަކީ މި ސަރަހައްދު އަތުލައި، އެތަނުގައި ދިރިއުޅޭ ދިހަހާސް އަށްވުރެ ގިނަ މީހުން ދެކުނަށް ބަދަލުކުރުމެވެ. އެގޮތުން ހޯމަ ދުވަހުގެ ފަތިހުން ފެށިގެން މިހާތަނަށް މުޅި ޣައްޒާގައި 30 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި އެހީ ހޯދަން އުޅުނު 14 މީހުން ހިމެނެއެވެ.
އަލްޖަޒީރާއިން ރިޕޯޓުކުރާގޮތުގައި، ޣައްޒާ ސިޓީގެ އަލްސަބްރާ ސަރަހައްދަށް އިސްރާއީލުން ދިން ހަމަލާއެއްގައި މަދުވެގެން 3 ފަލަސްތީނުން ވަނީ ޝަހީދުވެފައެވެ. އަދި އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. ފަލަސްތީނު މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މި ހަމަލާގައި ނޫސްވެރިޔާ އިސްލާމް އަލްކޫމީވެސް ވަނީ ޝަހީދުވެފައެވެ.
“އިސްރާއީލުގެ ހަމަލާތައް ދަނީ ހުއްޓުމެއްނެތި ޣައްޒާ ސިޓީގެ އިރުމަތީ ސަރަހައްދަށް އަމާޒުވަމުން. މި ހަމަލާތަކުގެ ބޮޑުމިނުން އެނގެނީ އިސްރާއީލުން ޣައްޒާގެ ޖިއޮގްރަފީއާއި ޑިމޮގްރަފީ ބަދަލުކުރަން މަސައްކަތްކުރާކަން،” އަލްޖަޒީރާގެ ރިޕޯޓަރު ޠާރިޤް އަބޫ އައްޒޫމް ބުނެފައިވެއެވެ.
ގިނަ ފަލަސްތީނު ރައްޔިތުން މިހާރު ދަނީ އެއްތަނުން އަނެއްތަނަށް ބަދަލުވަމުންނެވެ. ނަމަވެސް ބައެއް މީހުން ވަނީ އެމީހުންގެ ގޭގައި ތިބެ މަރުވާން ނިންމާފައެވެ. އެއީ ދަތުރުކުރުމުގެ ޚަރަދު ނުކުރެވޭތީއެވެ.



