މި ސަރުކާރުން އއ. މާޅޮހުގެ ތަރައްޤީއަށް ކުރަންހުރި މަސައްކަތްތައް ފުރިހަމަކުރުމަށް އިސްކަންދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި މާޅޮހު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ހުއްޓިފައިވާ މަޝްރޫޢުތަކާއި އަލަށް ފަށާ މަޝްރޫޢުތައް ހިމެނޭ ކަމަށާއި، އޭގެ ތެރޭގައި ސްކޫލަށް ޖާގަ އިތުރުކުރުމާއި، ސިއްހީ މަރުކަޒުގެ އައު އިމާރާތެއް އެޅުން ހިމެނޭ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވި ގޮތުގައި ސްކޫލުގައި މަލްޓިޕާޕަސް ހޯލަކާއި އިތުރު ކްލާސްރޫމްތަކާއި ސައިންސް ލެބެއް ގާއިމްކުރެވޭނެއެވެ. އަދި މިހާރު ހަތަރު ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތް މި މަހު ތެރޭގައި ފެށޭނެ ކަމަށާއި، ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް މި އަހަރު ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ފެށޭނެ ކަމަށާއި، ހޭންޑްބޯޅަ ކޯޓެއްވެސް ގާއިމްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއާއެކު ފަތުރުވެރިންނަށާއި ރައްޔިތުންނަށް ޚާއްސަ ބީޗްތަކެއް ތަރައްޤީކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި މިދާދި ފަހުން މާޅޮހުގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވި ރަންފަރު ފަޅުގެ ބޭނުން އިޤްތިޞާދީ ގޮތުން ހިފުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި، ރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންގޮސް ނިންމައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.



