އިސްރާއީލުން ޣައްޒާގެ އެންމެ ބޮޑު އާބާދީ ކަމުގައިވާ ޣައްޒާ ސިޓީ ހިފުމަށް ފަށާފައިވާ ހަމަލާތަކުގައި އިއްޔެ ފަތިހުން ފެށިގެން މިހާތަނަށް 81 ފަލަސްތީނު ރައްޔިތުން ޝަހީދުވެއްޖެއެވެ. މީގެ ތެރޭގައި ހަނގުރާމައިގެ ސަބަބުން ކާބޯތަކެތި ނުލިބި މަރުވެފައިވާ މީހުންވެސް ހިމެނެއެވެ.
ޔޫއެން ގެ ވޯލްޑް ފުޑް ޕްރޮގްރާމުން ބުނާ ގޮތުގައި މިހާރު ޣައްޒާގައި އޮތީ އާދައިގެ ބަނޑުހައިހޫނުކަމެއް ނޫނެވެ. އެއީ ފުރާނައަށް ނުރައްކާވާ ފަދަ ބޮޑު ބަނޑުހައިހޫނުކަމެކެވެ. އަދި ޔޫއެންގެ ފަލަސްތީނު ރެފިއުޖީ އެޖެންސީ (އަންރުވާ) އިން ބުނާ ގޮތުގައި ޣައްޒާ ސިޓީގައި ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކީ ނުރަނގަޅު ކެއުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ކާނާ ނުލިބި ހުންނަ ކުއްޖެކެވެ.
އިސްރާއީލުގެ ހަމަލާތަކުގެ ތެރޭގައި ދެކުނު ޣައްޒާގައި ހުރި ޓެންޓެއްގައި ތިބި ހިޖުރަކުރި މީހުންނަށް ދިން ހަމަލާއެއްގައި ތިން މީހުން ޝަހީދުވިއެވެ. އަދި ކުރީގެ ފަލަސްތީނު ނެޝަނަލް ބާސްކެޓްބޯލް ކުޅުންތެރިއެއް ކަމުގައިވާ މުހައްމަދު ޝަޢުލާން އެހީ ބެހުމުގެ މަރުކަޒަކުން އެހީ ހޯދަން އުޅުނު ވަގުތު އިސްރާއީލު ސިފައިން ދިން ހަމަލާއެއްގައި ޝަހީދުވިއެވެ. މިފަދަ ހަމަލާތަކުގައި އިއްޔެ އެކަނި 30 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.
އިސްރާއީލު ސަރުކާރުން ބުނަމުންދަނީ އިންސާނީ އެހީ ޣައްޒާއަށް ނުވަނުމުގެ ޒިންމާ އުފުލަންޖެހޭނީ އދ އިން ކަމަށެވެ. ނަމަވެސް އިސްރާއީލުގެ ހިއުމަން ރައިޓްސް ޖަމާއަތް “ގިޝާ” އިން ބުނާ ގޮތުގައި ހަނގުރާމަ ފެށުނީއްސުރެ އިސްރާއީލުން އިންސާނީ އެހީ ޣައްޒާއަށް ވަނުން ހުއްޓުވުމަކީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ކަމެކެވެ.
ޣައްޒާގެ ސިވިލް ޑިފެންސްއިން ވަނީ ތެލުގެ ދަތިކަން ހުރި ވަރުގެ ނުރައްކާތެރިކަން ފާހަގަކޮށްފައެވެ. އެ ފަރާތުން ބުނާ ގޮތުގައި ގިނަ ފަހަރަށް އެމަޖެންސީ ހާލަތްތަކުގައި ދުއްވާ އުޅަނދުތައް މަގުމަތީގައި ހުއްޓެއެވެ. އެއީ ތެޔޮ ނެތުމުގެ ސަބަބުންނާއި މަރާމާތަށް ބޭނުންވާ ސާމާނު ނެތުމުގެ ސަބަބުންނެވެ.



