މާދަމާ ފާހަގަކުރާ މި އަހަރުގެ ޤައުމީ ދުވަހުގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު މާލޭގައި ބޭއްވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ނިންމައިފިއެވެ.
އެމްއެންޑީއެފުން މިކަން އިއުލާނު ކުރަމުން ބުނެފައިވަނީ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:30 ގައި ޖުމްހޫރީ މައިދާނުން ކަމަށެވެ. އަދި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާ ކޮއްޓަށް ކަމަށް އެފަރާތުން މައުލޫމާތު ދީފައިވެއެވެ.
މި ޝަރަފުވެރި ހިނގާލުމުގައި ހަތަރު ސަރަހައްދެއްގައި ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ ހުއްޓުން އޮންނާނީ ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތީގައެވެ. ދެވަނަ ހުއްޓުން އޮންނާނީ މަޖީދީމަގު/ޗާންދަނީމަގު ހަތަރު އަނގޮޅީގައެވެ.
ތިންވަނަ ހުއްޓުން އޮންނާނީ މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތީގައެވެ. އަދި އެންމެ ފަހު ހުއްޓުން އޮންނާނީ ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމަތީގައެވެ.
ޤައުމީ ދުވަހަކީ ދިވެހި ޤައުމިއްޔަތާއި އިސްތިގުލާލު ދެމެހެއްޓުމަށް ކުރެވުނު އަގުހުރި މަސައްކަތްތައް ފާހަގަކޮށް، އެކަންކަމުގެ ޒިކުރާ އާކުރުމަށް ކޮންމެ އަހަރަކުވެސް ފާހަގަކުރާ ދުވަހެކެވެ.



