ހއ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން މަޑުޖެހިފައިވާ ނާގޯށި މަޝްރޫޢުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވައިފިއެވެ.
ނައިވާދޫގެ ރައްޔިތުންނާ މުޚާތަބުކުރައްވަމުން ރައީސް ވިދާޅުވީ، މިނިސްޓްރީ އޮފް ފިނޭންސް އަދި ބޭންކް އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު މި މަޝްރޫޢަށް ބޭނުންވާ ވަސީލަތްތައް މިހާރު ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި މީގެ ކުރިން ފަތުރުވެރިކަމުގެ ދާއިރާއިން އެކަށީގެންވާ ތަރައްގީއެއް ލިބިފައިނުވާ ހއ. އަތޮޅަކީ ކުރިއަރާފައިވާ ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރަހައްދުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ގިނަ ފަޅުތަކެއް ވަނީ ކަނޑައެޅިފައިވާ ކަމަށާއި، އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ގަވާއިދުތަކަށް ލުއިތަކެއް ގެނެވިފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ނައިވާދޫގެ ތަރައްގީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށުގެ ބަނދަރުގެ މަޝްރޫޢު ރައްޔިތުންގެ އެދުމާ އެއްގޮތަށް ނިންމާނެ ކަމަށެވެ. އަދި ޞިއްހީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފެށުމަށް ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި، އެމްބިއުލާންސްއެއް ކަނޑައެޅިފައިވާ މުއްދަތަށްވުރެ ކުރިން ފޯރުކޮށްދެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ރަށުގެ މަގުތައް ހެދުމާއި ޒަމާނީ ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށާއި، ކަރަންޓުގެ ދަތިކަން ހައްލުކުރުމަށް އައު ޖަނަރޭޓަރެއް ހޯދުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އިއުލާންކުރެއްވިއެވެ. އަދި މި ރަސްމިއްޔާތުގައި ނައިވާދޫގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައިވެސް ސޮއިކުރެވުނެވެ.



