ހދ. ނެއްލައިދޫ ޞިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ހެދުމަށް ސަރުކާރުން ގަސްދުކުރައްވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު އިޢުލާންކުރެއްވީ ހދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ނެއްލައިދޫގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ރައީސްގެ މި ދަތުރުފުޅުގައި މިއަދު ނެއްލައިދޫގައި ތިން މުހިންމު މަޝްރޫޢެއްގެ މަސައްކަތް ފެށިގެން ދިޔައެވެ. އޭގެ ތެރޭގައި ޞިއްޙީ މަރުކަޒު އިތުރަށް ތަރައްޤީކޮށް ފެންވަރު މަތިކުރުން ހިމެނެއެވެ. ރައީސް ވިދާޅުވި ގޮތުގައި މި އަހަރާއި އަންނަ އަހަރު ތެރޭގައި މަރުކަޒަށް އިތުރު ވަސީލަތްތަކާއި މުވައްޒަފުން އިތުރުކޮށް، 24 ގަޑިއިރުގެ ޚިދުމަތް ދެވޭނެ ފެންވަރަށް ތަރައްޤީކުރެވޭނެއެވެ.
މީގެއިތުރުން، ފިޓްނަސް އަދި މުނިފޫހިފިލުވުމުގެ މަރުކަޒެއް އަދި 500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތްވެސް މިއަދު ފެށުނެވެ. ރައީސް ވިދާޅުވި ގޮތުގައި މި އަހަރު ނިމުމުގެ ކުރިން ނިންމުމަށް ހަމަޖެހިފައިވާ ފިޓްނަސް މަރުކަޒުގައި އިންޑޯ ކުޅިވަރުތައް ކުޅެވޭނެ އަދި ރޭގަނޑު ފުޓްބޯޅަ ކުޅެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.



