ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ޗައިނާއަށް ދަތުރުފުޅެއް ފައްޓަވައިފިއެވެ.
މި ސަމިޓަކީ މާދަމާއާއި އަންނަ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމެއް ކަމަށްވާއިރު، މި ސަމިޓުގައި 26 ގައުމެއްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޗައިނާގެ މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންވެސް ހިމެނިވަޑައިގަންނަވައެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ދަތުރުފުޅުގައި ރައީސް މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އިތުރުން އެހެން ގައުމުތަކުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާނެއެވެ. އަދި “މޫސުމަށް އަންނަ ބަދަލުތަކާއި އިސްތިރާޖީ ސަބަބުތަކާ ހުރެ އިގުތިސާދުތައް ރޫޅިގެންދާ ދިއުމާއި ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަގުވާމީ އެއްބާރުލުމުގެ މުހިންމުކަން” ފާހަގަކުރައްވައި އެސްސީއޯ ޕްލަސް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވާނެއެވެ.
2001 ވަނަ އަހަރު އުފެދުނު އެސްސީއޯއަކީ ޔޫރޭޝިޔާ ސަރަހައްދުގެ ސިޔާސީ، އިގުތިސާދީ އަދި ދިފާއީ ކަންކަމަށް އިސްކަންދޭ ޖަމިއްޔާއެކެވެ. މި ޖަމިއްޔާ އުފެއްދި ހަ ގައުމުގެ ތެރޭގައި ޗައިނާ، ރަޝިއާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާން ހިމެނެއެވެ. މިހާރު މި ޖަމިއްޔާގައި 10 މެންބަރު ގައުމު ހިމެނޭއިރު، ރާއްޖެއަކީ އެސްސީއޯގެ ޑަޔަލޮގް ޕާޓްނަރެކެވެ.



