މެލޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ގައުމަކީ ދިވެހިރާއްޖޭގެ އަގުހުރި ބައިވެރިއެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މެލޭޝިއާގެ ރަސްގެފާނު ސުލްތާން އިބްރާހިމް އާއި ބޮޑުވަޒީރު އަންވަރު އިބްރާހިމަށް ތަހުނިޔާ ފޮނުއްވަމުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވި ގޮތުގައި ދެ ގައުމުގެ ސަރުކާރުތަކާއި ރައްޔިތުންގެ މެދުގައި ވަރަށް ވަރުގަދަ ގުޅުމެއް އޮވެއެވެ. އަދި މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް މެލޭޝިއާއާއެކު ގާތުން މަސައްކަތްކުރައްވަން އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މިދިޔަ އޭޕްރީލް މަހު ރައީސް ޑރ މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ދެ ގައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާ މެދު ޚިޔާލު ބަދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ މެދުވެސް މަޝްވަރާކުރެއްވިއެވެ.



