ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ހެނދުނު ޓިއަންޖިން ޔިންގބިން ހޮޓަލުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޝީ ޖިންޕިންގ ވަނީ ރައީސް ޑރ މުއިއްޒަށް މަރުޙަބާ ދަންނަވައި، ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ދުރުވެފައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މުހިންމު ދަތުރުފުޅެއް ކަމުގައި ފާހަގަކުރެއްވިއެވެ. ރައީސް މުއިއްޒު ވަނީ ރަސްމީ ހައިސިއްޔަތުން ދެވަނަ ފަހަރަށް ޗައިނާއަށް ޒިޔާރަތްކުރެއްވުމުގެ އުފާފާޅުކުރައްވައި، ދެއްވި ހޫނު މަރުޙަބާއާއި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ އިޤްތިޞާދީ ތަރައްޤީ، ވިޔަފާރިއާއި އިންވެސްޓްމަންޓް، ސަލާމަތީ އެއްބާރުލުން އަދި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ކަންކަމާ މެދުގައެވެ. ރައީސް ޝީ ޖިންޕިންގ ވަނީ ރާއްޖޭގެ ގައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ޗައިނާގެ ފަރާތުން އަޒުމް ކަނޑައަޅުއްވާފައިވާކަން އަލުން ކަށަވަރުކޮށްދެއްވައި، ނަތީޖާ ހާސިލުކުރެވޭ ބައިވެރިކަން ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ރައީސުންވެސް އެއްބަސްވެވަޑައިގެންނެވީ ޗައިނާ-ރާއްޖެ ގުޅުން “ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް (2024-2028)” ގެ ދަށުން އިތުރަށް ކުރިއެރުވުމަށެވެ. އަދި ބައްދަލުކުރެއްވުން ނިމުނީ ދެ ގައުމުގެ މެދުގައި އޮތް އެއްބާރުލުން އިތުރަށް ފުޅާކޮށް، ދެ ގައުމުގެ މަސްލަހަތުތައް ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރުމަށް އަލުން އަޒުމް ކަނޑައަޅުއްވަމުންކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.



