ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ 4،000 ފްލެޓުގެ ތެރެއިން ނިމިފައިވާ ފްލެޓްތައް މި ހަފްތާ ތެރޭގައި ހަވާލުކުރަން ފެށުމަކީ އަމާޒެއް ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.
އެފްޑީސީން ބުނީ ހައުސިން ޔުނިޓު ލިބުނު ފަރާތްތަކާ ޔުނިޓު ހަވާލުކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ. އަދި ނިމިފައިވާ ޓަވަރުތަކަށް އިސްކަންދީގެން، ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
މި ފްލެޓުތަކަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން އަޅަމުންދާ ފްލެޓުތަކެކެވެ.
މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިންނެވެ. މުޅި މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އަޅަނީ އެންބީސީސީން އަދި އަނެއް 16 ޓަވަރު އަޅަނީ ޖޭއެމްސީންނެވެ. މި ޓަވަރުތަކުގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 1،200 އެޕާޓްމަންޓާއި، 900 އަކަފޫޓުގެ ތިން ކޮޓަރީގެ 2،800 އެޕާޓްމަންޓް ހިމެނެއެވެ.