މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހުޅުވާފައިވާ އައިނު ފިހާރަތަކުން ދޮޅުމަސް ނުވަނީސް 3200 މީހުން ޚިދުމަތް ހޯދައިފިއެވެ. މީގެ ތެރެއިން 2000 އައިނު ވަނީ ހިލޭ ހައްދައިދީފައިވާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެފައިވެއެވެ.
ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޙަލީމް ވިދާޅުވީ އައިޖީއެމްއެޗްގެ އައިނު ފިހާރައިން 1200 އެއްހާ އައިނު އުފެއްދުމުގެ މަރުޙަލާގައި ހުރިއިރު، ބައެއް އައިނުތައް ލަސްވަނީ ބޭރުން ބައެއް ލެންސްތައް ގެންނަންޖެހޭތީއެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވި އައިނު ފިހާރައިން މިހާތަނަށް 400 އަށްވުރެ ގިނަ އައިނު ހަދަން އެދިފައިވެއެވެ.
ރައްޔިތުން އައިނު ހައްދަން ކުރަންޖެހޭ ބޮޑެތި ޚަރަދުތަކަށް ލުޔެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާ އެއްގޮތަށް، އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވައި ޚިދުމަތް ދެމުން ގެންދެއެވެ. އައިޖީއެމްއެޗްގެ އައިނު ފިހާރައިން މިހާތަނަށް 1080 ފަރާތަކަށް އައިނު ހަވާލުކޮށްފައިވާއިރު، 900 އަށްވުރެ ގިނަ އައިނު ނިންމައި، ވެރިފަރާތުން ހަވާލުނުވެ އެބަހުއްޓެވެ.
އައިނު ހެއްދުމަށް އޮތް ޑިމާންޑަށް އިޖާބަދިނުމުގެ ގޮތުން އައިޖީއެމްއެޗްގެ އައިނު ފިހާރައަށް އިތުރު މެޝިނެއް ގެނެސްފައިވާއިރު، މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކެއްގައި އައިނު ފިހާރަ ހެދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މަޢުލޫމާތު ލިބެއެވެ.