ސައުތު އޭޝިއަން ސުޕަރ ކަޕް 2025 ކާމިޔާބުކުރި ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސާބަސްދެއްވައިފިއެވެ.
މިއަދު ސްރީލަންކާގެ ޓީމާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު 1-1 އިން އެއްވަރުވި ނަމަވެސް، މުބާރާތުގެ ޗެމްޕިއަންކަން ދިވެހިރާއްޖެއަށް ލިބިފައިވަނީ އެގްރެގޭޓް ނަތީޖާއިން ދިވެހި ޤައުމީ ޓީމު ކުރިހޯދާފައިވާތީއެވެ. ފުރަތަމަ މެޗުގައި ދިވެހިރާއްޖެއިން ވަނީ 3-0 އިން މޮޅުވެފައެވެ.
މި އުފާވެރި ކާމިޔާބީއާ ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤައުމީ ޓީމު ހޯދި ކާމިޔާބީއަށްޓަކައި ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ގައުމީ ޓީމު އެނބުރި ރާއްޖެ އަންނާނީ މިއަދު މެންދުރުފަހު 2:25 ގައި ޖައްސާ ސްރީ ލަންކަން އެއާލައިންސް އިންނެވެ. އެގޮތުން ޓީމަށް އެންމެ ފުރަތަމަ މަރުހަބާ ކިޔުން އޮންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުންނެވެ. އޭގެ ފަހުން ޓީމު މާލެ އައުމުން، މަރުހަބާ ކިޔަން ގަލޮޅު ދަނޑުގައި ބާއްވާ ރަސްމިއްޔާތު ފަށާނީ 3:45 ގަ އެވެ.
ސުޕަ ކަޕަކީ ދެކުނު އޭޝިއާގެ ހަތަރު ގައުމެއްގެ މެދުގައި ބާއްވަން ލަންކާ އިން މަސައްކަތްކުރި މުބާރާތެކެވެ. އެކަމަކު ރާއްޖެ ފިޔަވައި އެހެން ގައުމަކުން ދައުވަތު ގަބޫލެއް ނުކުރުމުން، ލަންކާ އިން ނިންމީ ރާއްޖެއާ އެކު ދެ ލެގު އުސޫލުން މުބާރާތް ބާއްވާށެވެ.