ރާއްޖޭގައި ފަތްކެޔޮ އުފެއްދުން އިތުރުކޮށް، އިމްޕޯޓް ކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ފަތްކެޔޮ އުފައްދާ މިންވަރު 50 އިންސައްތައަށް އިތުރުކުރުމެވެ.
ފަތުރުވެރިކަމުގެ ސިނާޢަތު ފުޅާވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވަމުން ދިއުމާއެކު، ރާއްޖެއަށް އިމްޕޯޓްކުރާ ފަތްކޭލުގެ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. މި ޕްރޮގްރާމްގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް އިމްޕޯޓްކުރާ ފަތްކޭލުގެ މިންވަރު 25 އިންސައްތައަށް ދަށްކުރުމަށް ވަނީ އަމާޒު ހިފާފައެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ (ޑަބްލިއު.ޑީ.ސީ) ގުޅިގެންނެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ރަށްރަށުގައި 500 ފަތްކެޔޮ އިންދުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓްރީން ފަތްކޭލުގެ މުޑުވައް، ގަސްކާނާ އަދި ޓެކްނިކަލް މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވަނީ އިޢުލާނުކޮށްފައެވެ.
މި ޕްރޮގްރާމްގެ ދަށުން، ފުވައްމުލަކުގައި ޤާއިމްކުރާ ޤައުމީ ލެބޯޓްރީ ފެސިލިޓީގައި ހިމެނޭ ޓިޝޫކަލްޗަރ ލެބޯޓްރީގައި ފަތްކޭލުގެ މުޑުވައް އުފައްދައި، ލުއި އަގެއްގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފަތްކެޔޮ ހައްދަން ޝަޢުޤުވެރިވާ ދަނޑުވެރިންނަށް ޚާއްޞަ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށްވެސް ވަނީ ރޭވިފައެވެ.
މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޑަބްލިއުޑީސީ ތަކުން 25 ސެޕްޓެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޕްލޭން މިނިސްޓްރީއާ ހިއްސާކުރުމަށް ވަނީ އަންގާފައެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މިނިސްޓްރީގެ އެސިސްޓެންޓް އެގްރިކަލްޗަރ އޮފިސަރ ފާޠިމަތު ޔުސްރާ (3339263) އާ ގުޅުއްވުމަށް ވަނީ އަންގާފައެވެ.