އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން އުފައްދާފައިވާ މިނިސްޓަރެއް ސަރުކާރުގެ ކެބިނެޓަށް އައްޔަންކުރި ދުނިޔޭގެ ފުރަތަމަ ގައުމަކަށް އަލްބޭނިއާ ވެއްޖެއެވެ. “ޑިއެލާ” ގެ ނަމުގައި ކިޔާ މި އޭއައި މިނިސްޓަރު އުފައްދާފައިވަނީ ކޯޑާއި ޕިކްސެލްތަކުން ކަމަށާއި، އޭނާގެ މަސްއޫލިއްޔަތަކީ ސަރުކާރުގެ ޕްރޮކިއުމަންޓް ބެލެހެއްޓުން ކަމުގައި ވެއެވެ.
މިއަހަރުގެ ކުރީކޮޅު އަލްބޭނިއާގެ ބޮޑުވަޒީރު އެޑި ރާމާ ވިދާޅުވެފައިވަނީ އެގައުމުގައި ޑިޖިޓަލް މިނިސްޓަރެއް ނުވަތަ އޭއައި ބޮޑުވަޒީރެއް ހުންނާނެ ދުވަހެއް އަންނާނެ ކަމަށެވެ. ނަމަވެސް މިހާ އަވަހަށް އޭއައި މިނިސްޓަރެއް އައްޔަންކުރާނެ ކަމަކަށް އެއްވެސް ފަރާތަކުން ލަފާނުކުރެއެވެ.
ސެޕްޓެމްބަރު 11 ވަނަ ދުވަހު ޓިރާނާގައި ބޭއްވުނު ސޯޝަލިސްޓް ޕާޓީގެ އެސެމްބްލީ އިވެންޓުގައި ބޮޑުވަޒީރު ރާމާ ވަނީ ޑިއެލާ ތަޢާރަފުކުރައްވާފައެވެ. “ޑިއެލާއަކީ ސަރުކާރުގައި ޖިސްމާނީގޮތުން ނުހުންނަ، އާޓިފިޝަލް އިންޓެލިޖެންސްގެ ޒަރީއާއިން އުފައްދާފައިވާ ފުރަތަމަ މެމްބަރު،” ބޮޑުވަޒީރު ރާމާ ވިދާޅުވިއެވެ.
މި އޭއައި މިނިސްޓަރުގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަރުކާރުގެ ޚަރަދުތަކުގައި ކޮރަޕްޝަން މަދުކުރުމަށް އެހީތެރިވުމެވެ. މިހާރުވެސް ޑިއެލާ ވަނީ ގައުމުގެ ޑިޖިޓަލް ޚިދުމަތްތަކުގެ ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް ޚިދުމަތް ދޭން ފަށާފައެވެ. އަދި އަޑުގެ އަމުރުތައް މެދުވެރިކޮށް ބިއުރޮކްރެޓިކް އެދުންތައް ޕްރޮސެސްކުރަމުންދެއެވެ.
ބޮޑުވަޒީރު ރާމާ ވިދާޅުވިގޮތުގައި އޭއައި ބޭނުންކޮށްގެން ރިޝްވަތާއި ބިރުދެއްކުން ހުއްޓުވުމަށް އެހީތެރިވާނެއެވެ. ނަމަވެސް މި ނިޒާމު ބެލެހެއްޓުމަށް އިންސާނުންގެ ބެލެހެއްޓުން ކިހާ މިންވަރަކަށް ހިމެނޭނެކަން އަދި ހާމަކޮށްފައެއް ނުވެއެވެ. އަލްބޭނިއާގައި ޚާއްޞަކޮށް ޕަބްލިކް ޕްރޮކިއުމަންޓްގެ ދާއިރާގައި ކޮރަޕްޝަން އިންތިހާއަށް އޮތްކަމަށް ރިޕޯޓުކުރެވިފައިވާއިރު، މިއީ ސަރުކާރުގެ މަސައްކަތްތަކުގައި އޭއައި އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވިދާނެ ގޮތުގެ މިސާލެކެވެ.