ޓެކްނޮލޮޖީގެ ބޮޑު ކުންފުނި ގޫގަލް އިން އެ ކުންފުނީގެ އެންމެ ބާރުގަދަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލް ކަމަށްވާ ޖެމިނައި 3 ތަޢާރަފްކޮށްފިއެވެ. މި މޮޑެލް ތަޢާރަފްކުރީ، އޭއައި ދާއިރާގައި ވާދަވެރިކަން ބޮޑުވެފައިވާ މި ދުވަސްވަރު، ޚާއްސަކޮށް އޯޕަންއޭއައި ގެ މަޝްހޫރު ޗެޓްޖީޕީޓީ އާ އަރާހަމަކުރާނެ ގޮތެއް ހޯދުމުގެ މަސައްކަތުގެ ތެރެއިންނެވެ.
ގޫގަލްގެ ސީއީއޯ ސުންދަރު ޕިޗާއި ވިދާޅުވީ، މި އާ މޮޑެލްގެ ސަބަބުން އިތުރަށް ޖަވާބު ނުލިބޭ ސުވާލުތަކަށް ވެސް ރަނގަޅު ޖަވާބުތައް ލިބި، ބޭނުންކުރާ ފަރާތްތަކަށް މަދު އިރުޝާދުތަކަކުން ބޭނުންވާ މައުލޫމާތު ހޯދުމަށް އެހީތެރިވެދޭނެ ކަމަށެވެ. ޖެމިނައި 3 މިހާރު ވަނީ ގޫގަލްގެ ޖެމިނައި އެޕް، އޭއައި ސަރޗް ފީޗާޒް، އަދި އެ ކުންފުނީގެ ވިޔަފާރީގެ އުފެއްދުންތަކަށް އިތުރުކުރަން ފަށާފައެވެ. މި ހިދުމަތް އާދީއްތަ ދުވަހުން ފެށިގެން ހާއްސަ ބޭނުންކުރާ ފަރާތްތަކަށް ލިބެން ފަށާފައިވާއިރު، އަންނަ ހަފްތާތަކުގައި އިތުރަށް ފުޅާވެގެންދާނެއެވެ.
ޖެމިނައި 3 ތަޢާރަފްކޮށްފައި މިވަނީ ގޫގަލް އިން ޖެމިނައި 2.0 އަދި 2.5 ނެރުނުތާ މަދު މަސްކޮޅެއްގެ ތެރޭގައެވެ. މިއީ އެ ކުންފުނިން އޭއައި ދާއިރާ ތަރައްޤީ ކުރުމަށް ދެމުންދާ ބާރުބޮޑުކަން ދައްކުވައިދޭ ކަމެކެވެ. ޕިޗާއި ވިދާޅުވި ގޮތުގައި ޖެމިނައި 3 އަށް ޓޯން، މާނަ، އަދި ބޭނުން އިތުރަށް ރަނގަޅަށް ދެނެގަނެވޭނެއެވެ. މިހާރު ޖެމިނައި އެޕް 650 މިލިއަން މީހުން ކޮންމެ މަހަކު ބޭނުންކުރާއިރު، އޭއައި އޯވަވިއުސް 2 ބިލިއަން މީހުން ކޮންމެ މަހަކު ބޭނުންކުރެއެވެ. މި އަދަދުތައް އަޅާކިޔަމުން އޯޕަންއޭއައި އިން ބުނެފައިވާ ގޮތުގައި ޗެޓްޖީޕީޓީ 700 މިލިއަން މީހުން ކޮންމެ ހަފްތާއަކު ބޭނުންކުރާ ކަމަށެވެ.
ގޫގަލް އިން ބުނާ ގޮތުގައި ޖެމިނައި 3 އިން އިތުރަށް ބޭނުންތެރި، އަދި އެހާ ޢާންމު ނޫން ޖަވާބުތައް ލިބެއެވެ. އަދި “ވައިބް ކޯޑިންގ” ފަދަ އާ ފީޗާތަކަށް އެހީތެރިވެދެއެވެ. މި ފީޗާޒްގެ ދަށުން ޑިވެލޮޕަރުންނަށް ވަރަށް ސާދާ ޕްރޮމްޕްޓްސް ބޭނުންކޮށްގެން ކޯޑް ޖެނެރޭޓް ކުރެވޭނެއެވެ.



