ބައިނަލްއަގުވާމީ ވޯލްޑް ކްލީން އަޕް ދުވަހާ ދިމާކޮށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގެ ރީތި ގޮނޑުދޮށްތަކަށް އެޅިފައިވާ ކުނި ނަގައި، މޫދު ސާފުކޮށް ބޭއްވުމާއެކު، މޫދުގެ ދިރުންތައް ރައްކާތެރި ކުރުމެވެ.
މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު ފަށާ މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގެ ބީޗް ގުޅޭ ބްރިޖު ސަރަހައްދުންނެވެ. މި ހަރަކާތުގައި ހުޅުމާލޭގެ ގޮނޑުދޮށާއި، ހޭޅިފަށުގެ އިތުރުން މޫދުވެސް ސާފުކުރެވޭނެއެވެ. އަދި ކުރިއަށް އޮތް އަހަރު މި ހަރަކާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.
މި ހަރަކާތާ ގުޅުވައިގެން، ތިމާވަށްޓަށް މީހުން ހޭލުންތެރި ކުރުމަށް “މަންސަ” ޕްރޮގުރާމެއްވެސް އެ ދުވަހުގެ ރޭގަނޑު ކުރިއަށްދާނެއެވެ. މި ހަރަކާތުގައި އެކިއެކި އެންޖީއޯތަކާއި، މިނިސްޓްރީތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެރިވާނެއެވެ.
ހުޅުމާލޭގެ މާހައުލަކީ އެ ރަށުގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑީސީން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.