ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާގުޅޭ “ނިއުޔޯކް ޑެކްލެރޭޝަން” އަކީ ފަލަސްޠީން ރައްޔިތުންނަށް ސުލްހައާއި އިންސާފް ޤާއިމްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާގައި މި ޤަރާރު ވަނީ ފާސްކުރެވިފައެވެ. އދ.ގެ މެންބަރު 142 ޤައުމުން މި ޤަރާރަށް ތާއީދުކޮށް ވޯޓު ދީފައިވާއިރު، މި ޤަރާރަކީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް ޖަވާބުދާރީވުން ކަށަވަރުކުރުމަށް މުހިންމު ޤަރާރެއްކަމަށް ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
މި ޤަރާރާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއިން ތާއީދުކުރަނީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައެޅުމަށް ކަމަށެވެ.
އަދި މިނިވަން، މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ތާއީދުކުރާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.