ރަޝިޔާއިން ޔުކްރެއިންއަށް ދިން ހަމަލާއެއްގައި ރޮމޭނިޔާގެވައިގެ ސަރަހައްދަށް ވަދެފައިވާ ޑްރޯނެއް ހުއްޓުވުމަށް އެ ގައުމުގެ ހަނގުރާމަ މަތިންދާބޯޓުތައް ފޮނުވައިފިއެވެ. މިކަން ހިނގީ ރަޝިޔާއިން ހަނގުރާމަ ފުޅާކުރަމުންދާ ކަމަށް ޔުކްރެއިންއިން ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ހޮނިހިރު ދުވަހު ރޮމޭނިޔާއިން މި ފިޔަވަޅު އެޅި އިރު، ޕޮލެންޑްވެސް ވަނީ އެ ގައުމުގެ އިރުމަތީ ސަރަހައްދުގައި ހުރި ލުބްލިން ވައިގެ ބަނދަރު ބަންދުކޮށް، މަތިންދާބޯޓުތައް އުދުހުން ހުއްޓުވާފައެވެ. މިއީ މި ހަފްތާގެ ކުރީކޮޅު ޕޮލެންޑްގެ ވައިގަނޑަށް ވަދެފައިވާ ރަޝިޔާގެ ޑްރޯންތަކެއް ވަނިކޮށް ނޭޓޯގެ އެހީގައި ވައްޓާލުމަށްފަހު އަޅާފައިވާ ފިޔަވަޅުތަކެކެވެ.
ރޮމޭނިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ ހޮނިހިރު ދުވަހުގެ ރޭ ޑްރޯން ވަދެފައިވާކަން ފާހަގަކުރެވުމާއެކު، އެފް-16 ހަނގުރާމަ މަތިންދާބޯޓާއި، ޖަރުމަނުގެ އެއާ ޕޮލިސިންގ މިޝަންގެ ދަށުން ރޮމޭނިޔާގައި ހުރި ޔޫރޯފައިޓާ ދެ ބޯޓު ވަނީ އުދުއްސާފައި ކަމަށެވެ. އަދި ރައްޔިތުންނަށް ރައްކާތެރިވުމަށް އިންޒާރު ދީފައިވާ ކަމަށެވެ.
ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވީ ޑްރޯން ރޮމޭނިޔާގެ ވައިގެ ސަރަހައްދުގެ 10 ކިލޯމީޓަރަށް ވަދެ، ނޭޓޯގެ ވައިގެ ސަރަހައްދުގައި 50 މިނެޓު ވަންދެން ދަތުރުކުރި ކަމަށެވެ. އަދި ރަޝިޔާގެ ސިފައިންނަށް އެމީހުންގެ ޑްރޯންތައް ދަތުރުކުރާ މަގާއި، އުދުހޭނެ ވަގުތު ރަނގަޅަށް އެނގޭ ކަމަށް ވިދާޅުވިއެވެ.
ރޮމޭނިޔާއަކީ ޔޫރަޕިއަން ޔޫނިއަނާއި ނޭޓޯގެ މެންބަރެކެވެ. އަދި ޔުކްރެއިންއާ 650 ކިލޯމީޓަރުގެ ބޯޑަރެއް ހިއްސާކުރާ ގައުމެކެވެ. ރަޝިޔާއިން ޔުކްރެއިންއަށް ހަނގުރާމަ ފެށުމަށްފަހު، ރަޝިޔާގެ ޑްރޯންތަކުގެ ބައިތައް ރޮމޭނިޔާގެ ސަރަހައްދަށް ވެއްޓިފައިވާކަން ފާހަގަކުރެވިފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ސްވީޑަންގެ ފޮރިން މިނިސްޓަރު މާރިއާ މާލްމަރ ސްޓެނަގާޑް ވިދާޅުވީ މިއީ ނޭޓޯގެ ވައިގެ ސަރަހައްދަށް ކުރެވުނު ބަލައިނުގަނެވޭނެ ފަދަ ޢަމަލެއް ކަމަށެވެ. އަދި ރޮމޭނިޔާއަށް ސްވީޑަންގެ ފުރިހަމަ އެއްބާރުލުން ލިބިގެންވާ ކަމަށް ވިދާޅުވިއެވެ.