ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު އެއްބަސްވުމުގައި މިހާތަނަށް 3،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލު ވިދާޅުވެއްޖެއެވެ. އަދި މިހާތަނަށް 588 މީހުން ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޝަކީލް ވިދާޅުވީ މިހާތަނަށް 3،131 އެއްބަސްވުމެއްގައި ސޮއިކުރަން ތާވަލުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 3،119 އެއްބަސްވުމެއްގައި ސޮއިކޮށް ނިމިފައިވާ ކަމަށެވެ. މި ސްކީމްގެ ދަށުން އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް ފެށިފައިވަނީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ މި މަޝްރޫޢުގެ ދަށުން ދެ ކޮޓަރީގެ ފްލެޓުތައް ދޫކުރަނީ މަހަކު 7،000 ރުފިޔާއަށެވެ. އަދި ތިން ކޮޓަރީގެ ފްލެޓުތައް ދޫކުރަނީ މަހަކު 9،500 ރުފިޔާއަށެވެ. ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓަނެންސް ފީގެ ގޮތުގައި 1،000 ރުފިޔާ އަދި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 15،000 ރުފިޔާ ދައްކަންޖެހެއެވެ. ތިން ކޮޓަރީގެ ފްލެޓުތަކަށް މެއިންޓަނެންސް ފީގެ ގޮތުގައި 1،500 ރުފިޔާ އަދި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 25،000 ރުފިޔާ ދައްކަންޖެހެއެވެ.
4،000 ފްލެޓުގެ މި މަޝްރޫޢުގައި ހިމެނޭ އުދަރެސް ޓަވަރުތަކުގެ 80 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ. އަދި ދޯދި ޓަވަރުތަކުގެ 86 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ. މި ފްލެޓުތައް ރައްޔިތުންނާ ހަވާލުކުރެވޭނީ ފިނިޝިން މަސައްކަތްތައް ނިންމުމަށްފަހުގައެވެ.