އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި ޣައްޒާގެ އެކި ސަރަހައްދުތަކުން 53 ފަލަސްތީނު ރައްޔިތުން ޝަހީދުވެއްޖެއެވެ. މީގެ އިތުރުން ޣައްޒާ ސިޓީން 16 އިމާރާތް ވަނީ ސުންނާފަތި ކޮށްލާފައެވެ. މީގެ ތެރޭގައި ރިހާއިޝީ 3 ޓަވަރު ހިމެނެއެވެ. މިއީ އުތުރު ޣައްޒާގެ އާބާދީ ތަންތަނުން ނެރުމަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ތެރެއިން ދިން ހަމަލާތަކެކެވެ.
މެޑިކަލް ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި އެންމެ ފަހުގެ ހަމަލާތަކުގައި ޣައްޒާ ސިޓީން އެކަނި 35 މީހުން ވަނީ ޝަހީދުވެފައެވެ. އަދި ބަނޑުހައިހޫނުކަމުގެ ސަބަބުން އިތުރު ދެ ފަލަސްތީނު ރައްޔިތަކު ވަނީ މަރުވެފައެވެ. މިހާތަނަށް ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 422 އަށް އަރާފައެވެ.
ޣައްޒާ ސިޓީގެ ދެކުނު ރިމާލް ސަރަހައްދުގައި ހުރި އަލް-ކަވްތަރު ޓަވަރަށް އިސްރާއީލު ސިފައިން ވަނީ މިސައިލް ހަމަލާ ދީފައެވެ. މި ހަމަލާއާ ގުޅިގެން އެތައް ހާސް ބަޔަކު ވަނީ ސަލާމަތްވުމަށް އެހެން ސަރަހައްދުތަކަށް ފިލަން މަޖުބޫރުވެފައެވެ.