ސްކޭމް މައްސަލަތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާފުށީ ޖަލުން 33 ފޯނާއި އިތުރު ތަކެތި އަތުލައިގެންފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވިގޮތުގައި، އެ އިދާރާއަށް ހުށަހެޅޭ ސްކޭމް މައްސަލަތަކާ ގުޅިގެން ކުރެވުނު ތަހުގީގުތަކުން، މިފަދަ ބައެއް މައްސަލަތަކުގައި މާފުށީ ޖަލުގައި ބަންދުކުރެވިފައި ތިބޭ ގައިދީން ބައިވެރިވާކަން ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން މިމަހުގެ 11 ވަނަ ދުވަހު މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނުން އެކި ބްރޭންޑްތަކުގެ 33 މޯބައިލް ފޯނާއި، އިއަރޕޮޑް، ހެޑްސެޓް، ފޯނު ޗާޖުކުރާ ކޭބަލް، އަދި ސިމްކާޑު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ސްކޭމް މަދުކުރުމަށްޓަކައި ފަށާފައިވާ ޚާއްސަ މަސައްކަތުގެ ތެރެއިން މިފަދަ އިތުރު އޮޕަރޭޝަންތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ފުލުހުން ހާމަކުރެއްވިއެވެ. އަދި މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ސްކޭމް މައްސަލަތައް އިތުރުވަމުންދާތީ، މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އާންމު ރައްޔިތުން އިތުރަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއްކަމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޝައްކު އުފެދޭ ހާލަތްތަކުގައި، އެކަމެއް ޔަގީންކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް އެ ސެންޓަރުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.