އިންޓަރނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ މެންބަރު ޤައުމަކަށްވުމަށް އެދި ރާއްޖެއިން ހުށަހެޅި އެޕްލިކޭޝަން ބަލައިގަތުމަށް އެ އެޖެންސީން ނިންމައިފި އެވެ. މި ނިންމުން ނިންމާފައިވަނީ އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރިއަށްދާ އައިއޭއީއޭގެ ޖެނެރަލް ކޮންފަރެންސްގެ 69 ވަނަ އާންމު ބައްދަލުވުމުގައެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިއީ އައިއޭއީއޭގެ ފުރިހަމަ މެންބަރުކަން ހޯދުމަށް ރާއްޖެއިން ފުރިހަމަކުރަންޖެހޭ ފުރަތަމަ ފިޔަވަޅެވެ. މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރެއްވީ ޖެނީވާގައި ހުންނަ އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ސަލްމާ ވިދާޅުވީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ސައިންސްގެ ޒަރިއްޔާއިން ހައްލު ހޯދުމަށް، ބައިނަލްއަގުވާމީ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި އައިއޭއީއޭގެ މެންބަރުކަން ރާއްޖެއަށް ލިބުމަކީ ގައުމީ ފެންވަރުގައި ޙާސިލުކުރެވޭ މުހިންމު ކުރިއެރުމެއް ކަމުގައި ވެސް ފާހަގަކުރެއްވި އެވެ.
1957 ވަނަ އަހަރު އުފެދުނު އައިއޭއީއޭއަކީ އަސްކަރީ މަގްސަދުތަކަށް ނިއުކްލިއާ ހަކަތައާއި ޓެކްނޮލޮޖީ ބޭނުންކުރުން ހުއްޓުވުމަށް ބައިނަލްއަގުވާމީ މިންގަނޑުތައް ކަނޑައަޅައި، ސައިންސްގެ ދާއިރާއިން ދޭދޭ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމުއިއްޔާއެކެވެ.