ޤަޠަރު ދައުލަތުގެ ދޯހާގައި 15 ސެޕްޓެމްބަރ 2025 ގައި ބޭއްވި ކުއްލި އަރަބި-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ވަޑައިގެންފިއެވެ.
މި ސަމިޓުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު، ޤަޠަރަށް އިސްރާއީލުން ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ކުށެއް ކަމަށާއި، އަރަބި އަދި އިސްލާމީ ދުނިޔޭގެ ޢިއްޒަތަށް ކުރި ހަމަލާއެއް ކަމުގައި ވިދާޅުވިއެވެ. އަދި ޤަޠަރާއި ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ ދެމިހުންނާނެކަން އަލުން ކަށަވަރުކޮށްދެއްވައި، އިސްރާއީލްގެ ހަނގުރާމައިގެ ކުށްތަކަށް ޖަވާބުދާރީ ކުރުވުމަށާއި، ސަރަޙައްދުގެ ސުލްޙަ އަދި ހަމަޖެހުން ޤާއިމްކުރުމަށް އަވަސް އަދި ވިލަރެސްކުރެވިފައިވާ ބައިނަލްއަޤްވާމީ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލެއްވިއެވެ.
ސަމިޓުގެ އަރިމަތީގައި، ޤަޠަރު ދައުލަތުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އާލް ޘާނީއާ ބައްދަލުކުރައްވާ ރައީސް މުޢިއްޒު، ދޯހާގައި އިސްރާއީލުން ދިން ހަމަލާގައި މަރުވި ފަރާތްތަކާ ގުޅިގެން މަރުޙޫމުންގެ ޢާއިލާތަކަށް ތަޢުޒިޔާ ދެންނެވިއެވެ. އަދި ޤަޠަރާއި ފަލަސްޠީނާއެކު ދިވެހިރާއްޖެ ދެމިހުރިކަން އަންގަވައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި ދެ ފަރާތަށް މުހިންމު ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) މެންބަރު ޤައުމުތަކުގެ ލީޑަރުން އެއްކުރި މި ކުއްލި އަރަބި-އިސްލާމިކް ސަމިޓަކީ އިސްލާމީ ދުނިޔެއަށް ނާޒުކު ދަނޑިވަޅެއްގައި ބޭއްވުނު ސަމިޓެކެވެ. މި ސަމިޓުގައި އިސްރާއީލްގެ ޢަމަލުތައް ކުށްވެރިކުރުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނު ދެމެހެއްޓުމަށާއި ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ހަރުދަނާ ބައިނަލްއަޤްވާމީ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލުމަށް އެއް އަޑަކުން ވާހަކަދެއްކުމުގެ މަންސަތެއް ލިބިގެން ދިޔައެވެ.