ނުވަ އަހަރުގެ އަންހެން ކުއްޖަކާ ބެހުމުގެ ތުހުމަތުގައި 32 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތު ދިން ގޮތުގައި، ނޯތު ސެންޓްރަލް ޕޮލިސް ޑިވިޜަން (އއ. އދ. ކ. ވ.) ގައި ހިމެނޭ ރަށެއްގައި ހިނގި މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަކީ މުޖުތަމައުގައި އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހެއް ކަމަށެވެ. އަދި މި ފަރާތާ ގުޅުންހުރި އިތުރު މިބާވަތުގެ މައްސަލައެއްގެ ތަހުގީގު ވެސް ނިންމައި، ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައި ކަމަށެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެއެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.