މުޅި ރާއްޖެއަށް އައިޑީ ކާޑުގެ ޚިދުމަތް ފުޅާކުރުމަށް ފެށި މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހާރު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރޭ ވަނީ އެ އަތޮޅުގައިވެސް އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މި ޚިދުމަތް ފެލިދޫގައި ރަސްމީކޮށް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
ވ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު، މިހާރު ދިވެހިރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ލިބެން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ހުރިހާ އަތޮޅަކުން އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ވެވަޑައިގެންނެވި ވަޢުދެކެވެ. އޭރު އެ މަނިކުފާނު ވިދާޅުވެފައިވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.
އައިޑީ ކާޑުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ނިމުމާއެކު، ރައީސް ވަނީ އަންނަ މަހުގެ ނިޔަލަށް މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ޚިދުމަތްވެސް ފުޅާކޮށް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ. އެންމެ ފަހުން ޕާސްޕޯޓުގެ ޚިދުމަތް ތަޢާރަފުކޮށްފައިވަނީ ވ. އަތޮޅުގައެވެ.
މި ޚިދުމަތް ރަށްރަށުގައި ޤާއިމުކުރުމުން، ރައްޔިތުންނަށް އައިޑީ ކާޑު ހެއްދުމަށް މާލެ އައުމުގެ ތަކުލީފުން ސަލާމަތްވެ، ޚިދުމަތް ލިބުން ފަސޭހަވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.