ފ. ބިލެތްދޫގެ ބަނދަރާއި ބިމުގެ ޖާގަ، ހެދިފައިވާ ޤަވާޢިދުތަކާ އެއްގޮތަށް ކުރެވެން އޮތް އެންމެ ބޮޑަކަށް އިތުރުކޮށްދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ. ރައީސް މިފަދައިން ވިދާޅުވީ ރާއްޖޭގެ 4 އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބިލެތްދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމުގައެވެ.
ބިލެތްދޫ ބަނދަރު ސަރަޙައްދުގައި އިއްޔެ މެންދުރުފަހު ބޭއްވުނު ބައްދަލުވުމުގައި ރައީސް ވަނީ، މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހަވާލުކުރައްވާފައިވާ އެމް.ޓީ.ސީ.ސީ އިން މަސައްކަތްކޮށް ނިންމަވައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ. އަދި 2026 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން އެންމެ މުހިންމު ޖާގައެއް ލިބިގެންދާނެ މަޝްރޫޢަކަށް، ބިން ހިއްކުމުގެ މަޝްރޫޢު ވެގެންދާނެ ކަމުގައިވެސް ފާހަގަކުރެއްވިއެވެ.
ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށްގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުން، 2026 ވަނަ އަހަރުގެ ބަޖެޓުގައި، ރަށުގެ ރައްޔިތުންނަށް މުހިންމު ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން، ބިލެތްދޫގެ ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ވަނީ ރަސްމީކޮށް އިފްތިތާޙް ކުރައްވާފައެވެ. މީގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ޕޮލިސް ޕޯސްޓު އަދި ހެލްތު ސެންޓަރަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ އެޅުމުގެ މަސައްކަތް ހިމެނެއެވެ.