ސްރީ ލަންކާގެ ޔުނިވަރސިޓީތަކުން ބޭރުގެ އެހެން މަރުކަޒުތަކާ ގުޅިގެން ހިންގާ ބައެއް ކޯސްތަކުގެ ސެޓްފިކެޓްތައް މީގެ ފަހުން ބަލައިނުގަތުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ނިންމައިފިއެވެ. މިގޮތަށް ނިންމީ އެފަދަ ޕްރޮގްރާމްތައް ހިންގުމުގެ ހުއްދަ އެ މަރުކަޒުތަކަށް ލިބިފައިނުވާތީއެވެ.
އެމްކިއުއޭއިން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުން، އެ އޮތޯރިޓީން ގަބޫލުކުރާނީ ހަމައެކަނި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑަށް ފެތޭ، އަދި ސްރީ ލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނާއި، ޔުނިވަރސިޓީ ގްރާންޓްސް ކޮމިޝަނުން ހުއްދަ ދީފައިވާ ޕްރޮގްރާމްތަކެވެ.
އެމްކިއުއޭއިން ފާހަގަކޮށްފައިވާ ގޮތުގައި، ސްރީ ލަންކާގެ ބައެއް މަރުކަޒުތަކުން ހުއްދަ ލިބިފައިވާ މިންގަނޑާ ޚިލާފަށް، ހަޔަރ ޑިޕްލޮމާއިން މަތީ ފެންވަރުގެ ޕްރޮގްރާމްތައް އެހެން ޤައުމުތަކާ ގުޅިގެން ހިންގަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމާ ގުޅިގެން ދަރިވަރުންނަށް އެންމެ ރައްކާތެރި ގޮތަކީ ކިޔެވުމަށް ކުރިމަތިލުމުގެ ކުރިން އެމްކިއުއޭއިން “އިންޓެންޑެޑް” ލިޔުން ހޯދުން ކަމަށް އެ އޮތޯރިޓީން ވަނީ އިރުޝާދު ދީފައެވެ.
މި މައްސަލައަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުންނާ ގުޅުންހުރި މައްސަލައަކަށް ވުމާއެކު، ކިޔެވުމަށް ޚިޔާރުކުރާ މަރުކަޒަކީ އެމްކިއުއޭގެ މިންގަނޑުތަކަށް ފެތޭ އަދި އެ އޮތޯރިޓީން ގަބޫލުކުރާ ތަނެއްތޯ ކަށަވަރުކުރުމަށް އެމްކިއުއޭއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.