މީޑިއާ ރެގިއުލޭޓް ކުރުމަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ދާއިމީ މެމްބަރުން އައްޔަން ކުރެވެންދެން އެ ކޮމިޝަން ހިންގާނެ ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީއެއް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އެކުލަވާލައިފި އެވެ.
ރައްޔިތުންގެ މަޖިލިހުން މިދިޔަ އަންގާރަ ދުވަހު ފާސްކޮށް، މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގުކުރި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އިންތިގާލީ މަރުހަލާ ހިންގުމަށް އައްޔަންކޮށްފައިވާ މެމްބަރުންގެ ތެރޭގައި ސްޕޯޓްސް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަލީ ޒަކީ އާއި، ސިޓީސް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު މައުސޫމް، އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާމިނަތު ނަސީރު، އިކޮނޮމިކް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާމިނަތު ޝާހިދާ އަދި ގައުމީ އަރުޝީފުގެ ޗީފް ކޯޕަރޭޓް އެގްޒެކެޓިވް އިމާދު މުހައްމަދު ހިމެނެއެވެ.
ގާނޫނުގައިވާ ގޮތުން ވަގުތީ ކޮމިޓީއަށް ކުރެވޭނީ ކޮމިޝަންގެ އިދާރީ މަސައްކަތްތަކާއި، ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި، މީޑިއާތައް ރަޖިސްޓަރީ ކޮށްދިނުމަށް ހުށަހަޅާ ހުށަހެޅުންތަކަށް ގޮތް ނިންމުމެވެ. ނަމަވެސް، ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަނުންނާއި މީޑިއާ ކައުންސިލުން ބަލަމުންދިޔަ މައްސަލަތަކާމެދު ގޮތް ނިންމުމާއި މީޑިއާތަކުގެ ރަޖިސްޓަރީ ބާތިލުކުރުމުގެ ބާރު މި ކޮމިޓީއަށް ލިބިގެނެއް ނުވެއެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ވަގުތީ މެމްބަރުން އައްޔަންކުރާތާ 30 ދުވަހުގެ ތެރޭގައި ދާއިމީ ކޮމިޝަން އެކުލަވާލަންޖެހެއެވެ. ދާއިމީ ކޮމިޝަނުގައި ހިމެނޭ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، އަނެއް ހަތަރު މެމްބަރުން އިންތިޚާބުކުރާނީ މީޑިއާތަކުގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ކޮމިޝަންގެ ރައީސް އައްޔަންކުރުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ.